ޚަބަރު

މާދަމާއިން ފެށިގެން އައިޖީއެމްއެޗްގެ އޯޕީޑީތައް ހުޅުވާލަނީ


ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން މެދުކަނޑާލާފައިވާ ޚިދުމަތްތައް މާދަމާ އަލުން ފަށަން ނިންމައިފިއެވެ. މެދުކަނޑާލި ޚިދުމަތްތައް އަލުން ފެށުމަށް ނިންމާފައިވަނީ ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުންނެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ހުރިހާ ޑިޕާޓްމަންޓަކުންވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް އަލުން މާދަމާ ފަށާނެކަމަށެވެ. އަދި ފިޒިއޯ ތެރަޕީއާއ އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ޚިދުމަތްވެސް މާދަމާއިން ފެށިގެން ލިބޭނެއެވެ.

މީގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތާއި ލެބޯޓަރީގެ ޚިދުމަތްތައްވެސް ދޭގޮތަށް ވަނީ ނިންމާފައެވެ. އައިޖީއެމްއެޗުން ވިދާޅުވީ ޓީއެމް.ޓީ، އެންޑްސްކޯޕީ، ކޮލޮނޮސްކޯޕީ އަދި ބްރޮންކޮސްކޯޕީ ޚިދުމަތާއި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައްވެސް މަދާމާ ފަށާ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭކަމަށެވެ. ހޮސްޕިޓަލަށް އައިސް ޚިދުމަތް ހޯދުމަށް ހުޅުވާލިނަމަވެސް ކުރިންވެސް އޮންލައިންކޮށް ދެމުންގެންދިޔަ ބައެއް ޚިދުމަތްތައް ދެމުން ގެންދާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

މި ޚިދުމަތްތަކުގެ ތެރެއިން ސްޕީޗް ތެރަޕީ ސެޝަންތައް ނޫން ހުރިހާ ޚިދުމަތްތަކެއް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށް ލިބޭނެއެވެ. ސްޕީޗް ތެރަޕީގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.

އައިޖީއެމްއެޗްއިން މީގެ ކުރިން ވަނީ ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ބައެއް ޚިދުމަތްތައް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދިނުމުގެ ބަދަލުގައި އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ. ސަބަބަކީ ބަލީގެ ނުރައްކާ ބޮޑުވުމާއި ކޯވިޑް ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަކީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ މީހުންނަށް ވާތީއެވެ.