ވިޔަފާރި

ރެސްޓޯރަންޓްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި


ކޯވިޑް19 އާއި ގުޅިގެން ކެފޭ ރެސްޓޯރަންޓްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވައިފިއެވެ.

ރެސްޓޯރަންޓްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާފައެވެ.

ރެސްޓޯރަންޓްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން "ކެފޭ، ހޮޓާ، ރެސްޓޯރަންޓް ސިނާއަތުގައި ވިޔަފާރި ކުރައްވާ ފަރާތްތަކުގެ އާދޭސް"ގެ ނަމުގައި ރެސްޓޯރަންޓް އެސޯސިއޭޝަނުން ވަނީ ރައީސްއަށް ސިނާއަތުގެ ކަންބޮޑުވުންތައް ހުށައަޅާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވައި ރެސްޓޯރަންޓް އެސޯސިއޭސަން، ރޭމްގެ ރައީސް ހާމިދު އަފީފް ވިދާޅުވީ، މި ދަނޑިވަޅުގައި ރެސްޓޯރަންޓްތަކަށް ވަރަށްބޮޑު ގެއްލުމެއް ލިބެމުންދާކަން ރައީސްވެސް ފާހަގަކުރައްވާފައިވާކަމަށެވެ. އަދި އެ އެސޯސިއޭޝަނުން ހުށައެޅި ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާކަމަށް ހާމިދު ވިދާޅުވިއެވެ.

ރޭމްއިން ރައީސްއަށް ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކޭސްތައް ފެންނަ މިންވަރު ކޮށްމެވެސް ވަރަކަށް ދަށްވަމުން އަންނާތީ އިންހައުސް ޚިދުމަތް ދިނުން ކޮންމެވެސް ވަރަކަށް ލުއްޔެއް ދެއްވުމަށް ވަނީ އެދިފައެވެ. އަދި ޑެލިވަރީގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެގޮތް ހައްދަވައިދެއްވުމަށް ވަނީ ހުށައަޅާފައެވެ.

އެޗްޕީއޭއާއި ގުޅުންހުރި ގިނަ ކަންކަންވެސް ރޭމްއިން ވަނީ ރައީސްއަށް ހުށައަޅާފައެވެ. އޭގެތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ބެހޭގޮތުން ހަދާ ޤަވައިދުތަކާއި ބަލާ މިންގަނޑުތައް މުރާޖާ ކުރަމުންދާއިރު ރޭމްއާއި މަޝްވަރާކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ވަނީ އެދިފައެވެ. އަދި އެޗްޕީއޭއިން މިހާރު ނަގަމުންދާ ފީތަކާއި ކުރަމުންދާ ޖޫރިމަނާތައް ނެގުން 18 މަސްދުވަހަށް ފަސްކޮށްދެއްވުމަށް ވަނީ ހުށައަޅާފައެވެ. މީގެއިތުރުން ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވިޔަސް މި ސިނާއަތައް ލޮޅުން ނާރާނެގޮތައް ޤަވައިދުތަކާއި އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ވަނީ ވިދާޅުވެފައެވެ.

ރޭމްގެ ހުށަހެޅުމުގައި އިވެންޓް ބޭއްވޭނެ ޤަވައިދާއި އުސޫލުތައް ކަނޑައަޅައި އައުޓްޑޯ ކޭޓަރިންއަށް ހުޅުވާލުމާއި، ސަރުކާރުގެ ގިނަ މުވައްސަސާތަކުން ޚިދުމަތްދޭ ގޮތައް ލުއިތަކެއް ދިނުމަށް ވަނީ ގޮވާލާފައެވެ. އޭގެތެރޭގައި ކަރަންޓާއި، ފެނާއި އަދި ވެމްކޯއިން ޚިދުމަތް ކަނޑާލުމުގައި މިހާރު ގެންގުޅޭ އުސޫލުތަކަށް އެދެވޭގޮތަކަށް ބަދަލުގެނައުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި މީރާއަށް ނުދެއްކިވާ ޓެކްސްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށްވެސް ރޭމްއިން ވަނީ ރައީސްއަށް ހުށައަޅާފައެވެ.

މީގެއިތުރުން ސަރުކާރުގެ ބިންތަކަށް ދައްކަންޖެހޭ ކުލިތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވައި ކެފޭ ރެސްޓޯރަންޓްތަކަށް ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ހަމަޖައްސަވައިދެއްވުމަށްވެސް ރޭމްއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާފައެވެ. ރޭމްގެ ރައީސް ހާމިދު އަފީފް ވިދާޅުވީ، އެ އެސޯސިއޭޝަނުން ހުށައަޅާފައިވާ ކަންކަން ވަރަށް ގާތުން ބައްލަވައި ހައްލު ހޯދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާކަމަށެވެ.

ރޭމްއިން ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރި އެއް ސިނާއަތަކީ ކެފޭ ރެސްޓޯރަންޓްތައްކަމަށެވެ. އަދި ޑެލިވަރީގެ ޚިދުމަތް އެކަނި ދީގެން ކެފޭ ރެސްޓޯރަންޓްގެ 10 އިންސައްތަ ސޭލްސްވެސް ނުލިބޭކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.