ޚަބަރު

ޕާލިމަންޓްރީ އިންކުއަރީއަށް، އަނެއްކާވެސް ސިފައިންގެ އިސްވެރިން ހާޒިރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، އަނެއްކާވެސް ސިފައިންގެ އިސްވެރިން ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވިގޮތް ހޯދުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި މިއަދުވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއާ ވަނީ ސުވާލުކުރައްވާފައެވެ.

މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް ޖަވާބުދާރީވާނީ ސިފައިންގެ ވަކިވަކި އޮފިސަރުންގެ ބަދަލުގައި ސިފައިންގެ މުއައްސަސާއިން ކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކުރައްވާފައިވަނިކޮށް ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްވަނީ މިމަހުގެ 6 ވަނަ ދުވަހުވެސް މަޖީލީހަށް ވަޑައިގެން އިންކުއެރީއަށް މަޢުލޫމާތުދެއްވާފައެވެ.

އަދި އޭގެފަހުން ވަކިވަކި ސިފައިންވެސް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުގެ އެސްޕީޖީގެ ސިފައިންވެސް ހިމެނެއެވެ. ޕާލިމެންޓްރީ އިންކުއަރީއަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ވަކި ވަކި ފުލުހުންވެސްވަނީ 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މީގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރނަރ އަލީ ހާޝިމްއާއި ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސަލަމްގެ އިތުރުން މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ކޮމިޓީއަށް ޙާޒިރުކޮށްފައިވެއެވެ.

241 ކޮމިޓީން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދާނެކަމަށާއި، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭ ކަމަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކުރަމުން ގެންދާނެކަމަށެވެ. އަދި އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާ ގުޅިގެން ސެކިއުރިޓީ ބަލިކަށިވި ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށްފަހު މިފަދަ ޙަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަމަށް ބާރުއެޅުމާއި އެފަދައިން މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް އަރުވާނެކަމަށް 241 ކޮމިޓީންވަނީ ހާމަކުރައްވާފައެވެ.