ތުރުކީވިލާތުން
ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލުމަކީ ދެޤައުމުގެ ގުޅުމަށް ބޮޑެތި ނޭދެވޭ
އަސަރުތަކެއް ކުރާނެކަމެއް ކަމަށް ރަޝިޔާގެ ރައީސް ވްލާޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.
އޭނާ މިޙަމަލާ
ސިފަކުރައްވާފައިވަނީ ޓެރަރިސްޓުންނަށް ވާގިވެރިވާ ބަޔަކު ރަޝިޔާގެ
ބުރަކަށްޓަށް ހެރި ވަޅިއެއްގެ ގޮތުގައެވެ.
މިޙަމަލާ
ކުށްވެރިކުރައްވަމުން ޕޫޓިން ވިދާޅުވީ ތުރުކީގެ އަސްކަރީ މަތިންދާބޯޓަކުން ޙަމަލާދީ
ރަޝިޔާގެ މި މަތިންދާބޯޓު ވައްޓާލާފައިވަނީ ސޫރިޔާގެ ވައިގެ ސަރަޙައްދު ތެރެއިން
ދަތުރުކުރަމުންދަނިކޮށް ކަމަށާއި، ބޯޓު ވެއްޓިފައިވަނީ ތުރުކީއާ ސޫރިޔާ ގުޅޭ ސަރަޙަައްދީ
އިމުގެ ކައިރިން ސޫރިޔާއާވީ ފަޅީގެ ހަތަރު ކިލޯމީޓަރު އެތެރެއަށް ކަމަށެވެ.
މިމޭރުމުން
ވާހަކަފުޅުދައްކަވަމުން ޕޫޓިން ވިދާޅުވީ ރަޝިޔާގެ އަސްކަރިއްޔާގެ އެއްވެސް
މަތިންދާ ބޯޓަކީ އަދި ޕައިލެޓުންނަކީ ތުރުކީވިލާތުގެ ސަލާމަތަށް ހުރި ނުރައްކަލެއް
ނޫން ކަމަށެވެ. ތުރުކީވިލާތުން ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު ވައްޓާލި ޙާދިސާގައި
އެބޯޓުގެ އެއް ޕައިލެޓު މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި އޭނާގެ
ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.