ޚަބަރު

ކޯވިޑް-19ގެ ވެކްސިންގެ 1 ބިލިޔަން ޑޯޒު ޗައިނާގައި ދީފި


ކޯވިޑް-19ގެ ވެކްސިންގެ 1 ބިލިޔަނަށްވުރެ ގިނަ ޑޯޒު ޗައިނާގައި ދީފިއެވެ.

ދުނިޔޭގައި ވެކްސިން ދިނުމުގެ އެންމެ ހަލުވި މަޝްރޫޢު ކުރިޔަށްދަނީ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާގައެވެ. 1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގައި ދީފައިވާ 1 ބިލިޔަނަށްވުރެ ގިނަ ޑޯޒާއެކު ކޯވިޑް-19އާ ދެކޮޅަށް ދުނިޔޭގައި އެކި ޤައުމުތަކުން ދީފައިވާ ޑޯޒުތަކުގެ ޢަދަދު 2.5 ބިލިޔަނަށްވަނީ އަރައިފައެވެ.

ޗައިނާގައި މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދެއް އެ ޤައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނަނުން ޢާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ޤައުމުގައި ޖަހަނީ 2 ޑޯޒު ހިމެނޭ ވެކްސިންނެވެ. އެ ގޮތުން އެންމެ ގިނައިން ޖަހަނީ ސީނޯފާމު ވެކްސިންނެވެ. އޭގެ އިތުރުން ސިނޮވެކް ވެކްސިންނަށްވެސްވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާކަމަށްވާ ޑަބުލިޔުއެޗުއޯއިން ޙުއްދަ ދީފައެވެ.

ޗައިނާގައި ޖަހާފައިވާ 1 ބިލިޔަނަށްވުރެ ގިނަ ޑޯޒުގެ ތެރެއިން 500 މިލިޔަން ޑޯޒު ޖަހާފައިވަނީ ފާއިތުވި މަސްދުވަހުގެ ތެރޭގައެވެ. ޗައިނާއިން މަސައްކަތްކުރަނީ މި މަހުގެ ނިޔަލަށް އެ ޤައުމުގެ އާބާދީގެ 40 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށެވެ.

ޗައިނާގައި ދެފުށް ފެންނަ ސިޔާސަތުތަކެއް ތަންފީޒުކޮށްފައިނުވުމުން ވެކްސިން ޖެހުމުގައި ޢާންމުންވަނީ ޖެހިލުންވެފައެވެ. ޗައިނާގައި ވެކްސިން ޖެހުމަށް ޢާންމުން އަޙްލުވެރިކުރުމަށް ވެކްސިން ޖަހައި މީހުންނަށް ވިޔަފާރި ކޫޕަންނާއި ކާބޯތެކެތި ދިނުމުގެ ޙަރަކާތްތަކެއްވެސްވަނީ ފަށައިފައެވެ. އެ ޤައުމުން މި އަހަރު ނިމުމުގެ ކުރިން ވެކްސިންގެ 3 ބިލިޔަން ޑޯޒު އުފެއްދުމަށްވަނީ ނިންމައިފައެވެ.