ޚަބަރު

ފުރިހަމަކުރަންޖެހޭ އިދާރީ ކަންތައްތައް ފުރިހަމަކުރީމާ މަހުލޫފަށްވެސް ދައުވާކުރެވޭނެ: ޕީޖީ


ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލައިދޭން، ޕީޖީ އޮފީހުން ބޭނުންވާ އިދާރީ ކަންކަން ފުރިހަމަވުމުން އެކަމުގައި ގޮތެއް ނިންމަވާނެކަމަށް ޕޮރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ޕީޖީ ޝަމީމް ވިދާޅުވީ އެކަހަލަ މައްސަލަތަކުގައި ނިންމަވާ ނިންމުމަކީ ވަރަށް ބޮޑު ނިންމުމެއްކަމަށެވެ. އަދި މައްސަލައެއް ނިންމުމަށްޓަކައި ޕީޖީން ބޭނުންވާ ވަރަށް ހެއްކާ މައުލޫމާތުގެ އިތުރުން ފުރިހަމަވާންޖެހޭ އިދާރީ ކަންތައްތައް ފުރިހަމަ ނުކޮށް މައްސަލަ ނިންމަވައިފިކަމަށްވާނަމަ ދައުވާ ލިބޭ ފަރާތުގެ މުޅި ދިރިއުޅުމަށް އަސަރުކުރާނެ ކަމަށްވެސް ޝަމީމް ވިދާޅުވެއެވެ. ޕީޖީ ވިދާޅުވީ މަހްލޫފްގެ މައްސަލައިގައި ގޮތެއް ނުނިމި އޮތީ އޭސީސީން ފުރިހަމަކުރަންޖެހޭ އިދާރީ ކަމެއް ފުރިހަމަ ނުވެގެންކަމަށާއި، އެކަންކަން ފުރިހަމަވުމުން އެކަމުގައިވެސް ގޮތެއް ނިންމަވާނެކަމަށެވެ.

ޕޮލިހާއި، އެސްޓް ރިކަވަރީ ކޮމިޝަން އަދި އޭސީސީގެ ގުޅިގެން ހިންގި ތަހުޤީޤަށްފަހު މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުމުން ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީ އޮފީހުން ވަނީ އޭސީސީގައި އެދިފައެވެ.

ޕީޖީ ވިދާޅުވީ އޭގެ މާނައަކީ މިނިސްޓަރު މަހްލޫފަށް ވާތީ ދައުވާނުކުރުން ނޫން ކަމަށެވެ. އަދި އެއީ ކޯޓަށް ހުށަހެޅުމުގެ ކުރިން މައްސަލައިގެ އިދާރީ ކަންކަމާއި އެހެނިހެން ކަންކަން ފުރިހަމަކުރުމަށް ނިންމި ނިންމުމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިިނިސްޓަރ މަހްލޫފްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.