ޚަބަރު

އިންސާނީ ޙައްޤުތަކާ ޚިލާފުވެފައިވާކަމަށް ބުނެ ރައީސީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި


އީރާނުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އިބްރާހީމު ރައީސީއާ ދެކޮޅަށް ކުރެވޭ އިންސާނީ ޙައްޤުތަކާ ޚިލާފުވުމުގެ ތުޙްމަތުތައް ތަޙްޤީޤުކުރުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ގޮވާލައިފިއެވެ.

ޖޫން މަހުގެ 18ވަނަ ދުވަހު ބޭއްވި އީރާނުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އީރާނުގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ރައީސީއެވެ. އޭނާއަކީ 1988ވަނަ އަހަރުގެ ތެރޭގައި އެތައް ހާސް ސިޔާސީ ކުށްވެރިންނެއް މެރުމުގައި އިސް ދަޢުރެއް ޢަދާކުރައްވާފައިވާ ބޭފުޅެއްކަމަށް ބުނެވެއެވެ. އެ ތުޙްމަތުތަކާ ގުޅޭގޮތުން އޭނާ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 1979ވަނަ އަހަރުގެ އިސްލާމީ އިންޤިލާބާ ދެކޮޅަށް ޙަރަކާތްތެރިވި އިދިކޮޅު ފަރާތްތައް މަރާލާފައިވަނީ އިންސާފުވެރި ޝަރީޢަތަކަށްފަހުކަމަށް އެ ޤައުމުގެ ބައެއް ދީނީ ޢިލްމުވެރިން ބުނެފައިވެއެވެ. އެ ތުޙަމަތުތަކާ ގުޅިގެން އެމެރިކާއިންވަނީ ރައީސީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްކަމަށްވާ އެމުނެސްޓީ އިންޓަނޭޝަނަލުން ބުނީ އީރާނުގެ ރައީސްކަމަށް އައުމުގެ ފުރުޞަތު ރައީސީއަށް ލިބުމަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް އެޅޭ ފިޔަވަޅެއްކަމަށެވެ. އެ ކަމުން ދޭހަކޮށްދެނީ ކުށްކުރާ މީހުންނާ ދެކޮޅަށް އީރާނުން ފިޔަވަޅު ނާޅައިކަންކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ރައީސީއާ ދެކޮޅަށް ކުރެވޭ ތުޙްމަތުތައް ތަޙްޤީޤުކުރުމަށް އެ ޖަމުޢިއްޔާއިންވަނީ ގޮވާލައިފައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެހެން ޖަމުޢިއްޔާއެއްކަމަށްވާ ހިޔުމަން ރައިޓުސް ވޮޗުންވެސްވަނީ ހަމަ އެ މޭރުމުން ވާހަކަދައްކައިފައެވެ. އެ ޖަމުޢިއްޔާއިން ބުނީ އީރާނުގެ ރައީސްކަމަށް ރައީސީ އައުމަށް މަގުފަހިވެފައިވަނީ ގަދަބާރުންކަމަށާއި އެ ޤައުމުގައި ބޭއްވި އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ނޫންކަމަށެވެ. އީރާނުގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑެތި ޖަރީމާތަކުގެ ފަހަތުގައިވަނީ އީރާނުގެ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި ރައީސީކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.