ވިޔަފާރި

މަސް މާރުކޭޓްގައި އައިސް ވިއްކަދޭނެ ބަޔަކު ހޯދަނީ


މާލޭ މަސް މާރުކޭޓުގައި އައިސް ވިއްކުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މަސް މާރުކޭޓްގައި އައިސް ވިއްކަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށައަޅާއިރު މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އެންމެ ކުޑަ އަގު ކަނޑައަޅަންވާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި މެދުނުކެނޑި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް އައިސް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މަސް މާރުކޭޓްގައި އައިސް ވިއްކަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށައަޅަން ޖެހޭނެކަމަށެވެ.

މާރުކޭޓުތަކުގެ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެނައުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މީގެތެރޭގައި މާރުކޭޓުގެ ޚިދުމަތާ، ރައްކާތެރިކަމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންކަން ހިމެނެއެވެ. މާރުކޭޓުތަކާ ގުޅޭ ދިގު ރާސްތާ ޕްލޭނަކީ ޒަމާނީ އާ މާރުކޭޓުތައް ހެދުމެވެ.

މާލޭގެ މާސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ހާލަތު ސިޓީ ކައުންސިލުން ވަނީ ބަލާފައެވެ. އަދި މާރުކޭޓުގެ ޚިދުމަތް ދިނުމާއި، އަދި ޚިދުމަތް ލިބިގަތުމުގައި އާއްމުންނަށް ހުރި ދަތިތަކާގުޅޭ ހޯދުންތައް ސިޓީ ކައުންސިލުންވަނީ ބަލާފައެވެ. މިކަމުގެ ދާއިމީ ޙައްލެއްގެ ގޮތަށް އާ މާރުކޭޓު އެޅުމަށް ނިންމާފައިވީ ނަމަވެސް، މިމަސައްކަތް ކުރެވެންދެން މިހާރު ހުރި މާރުކޭޓުތަކުގެ ޚިދުމަތަށް ބަދަލު ގެނެސްފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.