ވިޔަފާރި

ކުދި ވިޔަފާރިތަކަށް ޚާއްސަ ލޯނަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލައިފި


ސަރުކާރުން އިއުލާންކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ލޯނަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލުން ހުޅުވާލައިފިއެވެ.

މި ލޯނު ސްކީމަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އިޢުލާން ކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތަޢާރަފްކޮށްފައިވާ ލޯން ސްކީމެކެވެ. ބީއެމްއެލްއިން ވިދާޅުވީ ކޯވިޑް-19، އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމަޔަށް އެދި ލޯނަށް ހުށަހެޅޭނެކަމަށެވެ.

މި ލޯން ސްކީމަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނެކެވެ.

މި ލޯނު ދޫކުރާނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓް ރޭޓުގައި، 4 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އަދި ލޯނު ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މި ލޯނު ދޫކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހީނަރުކަމަށް ޙައްލެއް ގެނައުމަށް އެހީތެރިވުމެވެ. ކޯވިޑް19ގެ ސަބަބުން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ "ކޯވިޑް19 ރިކަވަރީ ލޯނު ސްކީމް"ގެ ނަމުގައިވެސް ލޯނު ދޫކޮށްފައެވެ. މި ލޯނުތައް އެސްއެމްއީ ބޭންކާއި ބީއެމްއެލް މެދުވެރިކޮށްވެސް ދޫކުރިއެވެ.