ކުޅިވަރު

މެޗް އެއްވަރުވެ، 2ވަނަ ބުރަށް ދިއުމަށް ސްޕެއިންއަށް ހުރަސްތަކެއް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ދެ މެޗުވެސް އެއްވަރުވެ، ސްޕެއިންއަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިއްޖެއެވެ. މިރޭ ސްޕެއިން އާއި ޕޮލެންޑް ބައްދަލު ކުރި މެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

މިމުބާރާތުގައި ސްޕެއިން އެޓީމު ކުޅުނު ފުރަތަމަ މެޗްގައި ވަނީ ސްވިޑެންއާއި ވާދަކޮށް މެޗް އެއްވަރުވެފައެވެ. ގުރޫޕް އީގައި ކޮންމެ ޓީމަކަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހުޅުވާލެފައިވާއިރު، ކޮންމެ ޓީމެއްވެސް މިހާރުވަނީ 2 މެޗް ކުޅެފައެވެ. މިހާރު ބާކީ ކޮންމެ ޓީމަކަށްވެސް އޮތީ އެންމެ މެޗެކެވެ. މިވަގުތު ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު ސްވިޑެން އޮތްއިރު، 3 ޕޮއިންޓާއެކު ސްލޮވާކިއާ އޮތީ ތާވަލްގެ ދެވަނައިގައެވެ. ސްޕެއިންއަށް 2 ޕޮއިންޓް ލިބިފައިވާއިރު ޕޮލެންޑަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.

މި ގުރޫޕްގެ ފަހު މެޗްގައި މިއަންނަ ބުދަ ދުވަހުގެ ރޭ 9 ޖަހާއިރު ބައްދަލުކުރާނީ ސްލޮވާކިއާ އާއި ސްޕެއިން އަދި ސްވިޑެން އާއި ޕޮލެންޑްއެވެ. ބައިނަލަގްވާމީ ފެންވަރުގައި މިދެ ޓީމް ބައްދަލުކުރި ފުރަތަމަ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ޕޮލެންޑްގެ މިޑްފީލްޑަރު މަޓެއުޝް ކްލިޗަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ 26 ވަނަ މިނެޓުގައި ސްޕެއިންއަށް ލިޑް ނަގައިދިނީ އެޓީމްގެ ފޯވާޑަ އަލްވާރޯ މޮރާޓާއެވެ. މިލަނދަށްފަހުވެސް މޮރާޓާއަށް ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން މޮރާޓާއަށް ހިފޭގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ޕޮލެންޑަށް ވެސް ނަތީޖާ ހަމަހަމަ ކުރުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފޭގޮތްނުވެ، މެޗްގެ ފުރަތަމަ ހާފް ނިމުނީ ސްޕެއިން ކުރީގައި އޮވެގެންނެވެ. މެޗްގެ ދެވަނަ ހާފްގެ 54ވަނަ މިނެޓްގައި ޕޮލެންޑުން ވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮބަޓް ލެވަންޑޯސްކީއެވެ. ޕޮލެންޑުން ލަނޑު ޖެހުމާއެކު ސްޕެއިންއިން އިތުރު ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ސްޕެއިންއަށް މެޗްގައި އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.