ކުޅިވަރު

ޖަރުމަންގެ ސްޓައިލްގައި ޗެންޕިއަން ޕޯޗުގަލް ބަލިކޮށްފި


އެންމެ ފަހުގެ ޔޫރޯ ޗެންޕިއަން ބަލިކޮށް ޖަރުމަނުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދުއާކޮށްފިއެވެ.
ފޯރިގަދަ އަދި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްއިން ޕޯޗުގަލް ބަލިވެފައިވަނީ 4 ލަޏޑު 2 ލަނޑުންނެވެ.

މިރޭގެ މެޗް ކާމުޔާބުކުރި ނަމަ، ޕޯޗުގަލް އަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވީހެވެ. ނަމަވެސް މިމެޗުން ބަލިވުމުން ޕޯޗުގަލްއަށް މިހާރު ވަނީ ގުރޫޕްގެ އެންމެ ފަހު މެޗާއި ހަމައަށް އިންތިޒާރު ކުރަންޖެހިފައެވެ. ގުރޫޕް އޮފް ޑެތްގެ ނަމުން މަޝްހޫރު ގުރޫފް އެފްގައި ޖަރުމަން ޓީމުން ކުޅުނު ފުރަތަމަ މެޗްގައި އެޓީމު ވަނީ ދުނިޔޭގެ ޗެންޕިއަން ފްރާންސް އަތުން 1 ލަނޑު 0 ލަނޑުން ބަލިވެފައެވެ. މިގުރޫފްގެ 1ވަނައިގައި 4 ޕޮއިންޓާއެކު ދުނިޔޭގެ ޗެންޕިއަން ފްރާންސް އޮތްއިރު، 2ވަނައިގައި އޮތް ޖަރުމަން އަދި 3ވަނައިގައި އޮތް ޕޯޗުގަލްއަށް ވެސް 3 ޕޮއިންޓް ލިބިފައިވެއެވެ. ގުރޫޕްގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ހަންގޭރީއެވެ. މިގުރޫޕްގެ ކޮންމެ ޓީމެއް 2 މެޗް ކުޅެފައިވާއިރު، ޕޮއިންޓްތައް ބެހިފައިވާ ގޮތުން ކޮންމެ ޓީމަކަށްވެސް 2ވަނަ ބުރަށް ދިއުމުގެ ދޮރުވަނީ ހުޅުވުފައެވެ. މި ގުރޫޕްގެ ފަހު މެޗްގައި ޖަރުމަން ނިކުންނާނީ ހަންގޭރީއާއި ދެކޮޅަށް އަދި ފްރާންސް ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. 2016ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ތަށި ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި ފްރާންސް ބަލިކޮށްގެންނެވެ.

މިމުބާރާތުގައި ފްރާންސް އަތުން ބަލިވުމާއި ގުޅިގެން ޖަރުމަން މިމެޗަށް ނިކުމެފައިވަނީ 3 ޕޮއިންޓް ހޯދާށެވެ. މެޗުގެ ފެށިގެން މެޗް ނިމެންދެން މޮޅަށް ކުޅެފައިވަނީ ޖަރުމަން ޓީމުންނެވެ. މެޗްގެ 6ވަނަ މިނެޓުގައި ޖަރުމަން ޓީމްގެ ރޮބިން ގޮސެން ލަނޑެއް ޖެހިކަމުގައި ވީނަމަވެސް، ރެފްރީ ވަނީ މިއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފައެވެ. ޖަރުމަނުން މެޗުގައި މޮޅަށް ކުޅުނު ނަމަވެސް އެންމް ފުރަތަމަ މެޗްގައި ލީޑްނަގާ ކުރި ހޯދީ ޕޯޗުގަލްއިންނެވެ. މިލަނޑު އެޓީމަށް މެޗްގެ 15ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މިމުބާރާތުގައި ރޮނާލްޑޯ ޖެހި 3ވަނަ ގޯލެވެ.

ޕޯޗުގަލްއިން ލަނޑު ޖެހުމާއެކު ޖަރުމަން ޓީމުން ވަނީ ފުލުފުލުގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ޖަރުމަންގެ ހަމަލާތައް ނުހުއްޓުވި، ޕޯޗުގަލްގެ ފަހަތަށް ކުޅޭ ކުޅުންތެރިންއަތުން ވަނީ ބައިކޮޅަށް 5 މިނެޓްގެ ތެރޭގައި 2 ގޯލް ވަދެފައެވެ. މެޗްގެ 34ވަނަ މިނެޓްގައި ޕޯޗުގަލްގެ ޕޯޗުގަލްގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ގޯލްވަތް އިރު، ޖަރުމަންއަށް ލީޑް ފުޅާކޮށްދިން ލަނޑަކީ ވެސް ޕޯޗުގަލްގެ ރަފައެލް ގަރޭރޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ޖަރުމަންއިން ދިޔައީ ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް ފުރަތަމަ ހާފާއި ހިލާފަށް މެޗްގެ ދެވަނަ ހާފްގައި ޕޯޗުގަލްއިން ބޯޅަ ކޮންޓްރޯލްކޮށްގެން، ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. މެޗްގެ 50ވަނަ މިނެޓްގައި ޖަރުމަންއަށް ލީޑް ފުޅާކޮށްދިނީ ކައި ހަވާޓްޒްއެވެ. ޖަރުމަންގެ 4ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 60ވަނަ މިނެޓްގައި ގޮސެންއެވެ. ޖަރުމަނުން ޕޯޗުގަލް ކޮޅަށް 4 ލަނޑު ޖެހިކަމުގައިވީނަމަވެސް، ޕޯޗުގަލްއިން ހިއްވަރު ދޫކޮށްނުލާ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗްގެ 67ވަނަ މިނެޓްގައި ޖޮޓާ ޕޯޗުގަލްއަށް ދެވަނަ ލަނޑު ޖަހައިދިނެވެ. މިލަނޑަށްފަހުވެސް ޕޯޗުގަލްއަށް ލަނޑު ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރެނާޓޯ ސަންޗޭޒް ފޮނުވާލި ބާރު ބޯޅަ އަމާޒްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މިއީ ވާދަވެރި މުބާރާތްތަކުގައި ޕޯޗުގަލް އަތުން ޖަރުމަނު ޖެހިޖެހިގެން މޮޅުވި ފަސް ވަނަ ފަހަރެވެ.