މުނިފޫހިފިލުވުން

ރިތިކްގެ "ފައިޓަރ"ގެ ޕާޓްނަރަކަށް ވިއާކޮމް 18


"ކަހޯނާ ޕިޔާރު ހޭ" އިން މަޝްހޫރުވި ތަރި ރިތިކް ރޯޝަން އަދި ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ދީޕިކާ ޕަޑްކޯންގެ ކުރިއަށް އޮތް އޭރިއަލް އެކްޝަން ތްރިލަރ "ފައިޓަރ" މި ދެތަރިންގެ ފޭނުން އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. ރިތިކް އެއަރ ފޯސް ޕައިލެޓެއްގެ ރޯލުން ފުރަތަމަ ފަހަރަށް ފެންނަ މި ފިލްމަކީ 250 ކޮރޯޑް ރުޕީސްއަށް ހަދާ ވަރުގަދަ އެކްޝަން ސީންތަކެއް ހިމެނޭ ފިލްމެކެވެ.

"ވޯރ" އަދި "ބޭންގް ބޭންގް" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރ ސިދާތް އާނަންދު ޑައިރެކްޓް ކުރާ މި ފިލްމަކީ ސިދް ގެ މާފްލިކްސް ބެނަރ ގައި ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ އެންމެފަހުގެ އަޕްޑޭޓަށް ބަލާއިރު ފިލްމު ސްޓޫޑިއޯ ޕާރޓްނަރަކަށް ވިއާކޮމް 18 ވަނީ ހަމަޖެހިފައެވެ.

ބްލޭންކެޓް ޑީލެއްކަމަށްވާ މި ޑީލްގެ ދަށުން ތިއަރަޓިކަލް، ޑިޖިޓަލް އަދި ސެޓެލައިޓް ރައިޓްސްވެސް ހިމެނޭގޮތަށް ވިއާކޮމް 18 އަށް މި ފިލްމުގެ ހުރިހާ ރައިޓްސެއް ލިބޭނެއެވެ. އަދި ފައިސާގެ ގޮތުން ބަލާއިރު މި ބަލިމަޑުކަމުގެ ތެރޭގައި ހަދާ އެންމެ ބޮޑު ޑީލްއަށް މި ޑީލްވެގެންދާނެކަމުގައި ފިލްމުގެ ޓީމާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ވޭތުވެދިޔަ 6 މަސްދުވަސްތެރޭގައި ވަރަށް ގިނަ ސްޓޫޑިއޯތަކާއި ސިދް ވަނީ މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ރިތިކްގެ ގިނަ އެކްޝަން ފިލްމުތަކެކޭ އެއްގޮތަށް މި ފިލްމުވެސް ރިލީޒް ކުރާނީ ޕޭން އިންޑިއާއިންނެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ ރާމޯން ޗިބް އެވެ.

ދެކުނު ސިނަމާގައި ބޮޑު ތަރުޙީބެއް އޮންނަ ހަމައެކަނި ބޮލީވުޑް ތަރިއަކީ ރިތިކް އެވެ. ދެކުނު ފިލްމު އިންޑަސްޓްރީން ޑަބް ކޮށްފައިވާ ރިތިކް ފިލްމުތައް ކަމަށްވާ "ދޫމް 2" "ޖޯދާ އަކްބަރު" އަދި "ވޯރ" ފަދަ ފިލްމުތައް ފަދައިން "ފައިޓަރ" އަށްވެސް ބޮޑު ތަރުޙީބެއް ލިބޭނެކަމަށް ޚަބަރުތައް ބުނެއެވެ. ހިންދީބަހުގެ އިތުރުން ތަމަޅަ، މަލަޔާލަމް އަދި ތެލުގޫ ބަހުންވެސް މި ފިލްމު ރިލިޒްކުރަން ވަނީ ހަމަޖެހިފައެވެ.

"ފައިޓަރ" ގެ އިތުރުންވެސް ގިނަ ފިލްމުތަކެއްގެ ސްޓޫޑިއޯ ޕާރޓްނަރަކަށް ވިއާކޮމް 18 ވަނީ ވެފައެވެ. އާމިރު ޚާން އަދި ކަޕޫރު ޚާންގެ "ލާލް ސިންގް ޗައްޑާ" އާއި ދަރްމާ ޕްރޮޑަކްޝަނުން ކުރިއަށް އޮތް ދެ އަހަރަށް ހަދާ 5 ފިލްމެއްގެ ވާހަކަވެސް ވިއާކޮމް 18 އާއި އަންނަނީ ދެކެވެމުންނެވެ.