ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ އިތުރު ދެ މީހަކު ނިޔާވެއްޖެ

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ ދިވެއްސަކާއި ބިދޭސީއަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިބަލީގައި ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 55 އަހަރުގެ އިންޑިއާ ފިރިހެނަކު ނިޔާވެފައިވާކަމަށެވެ.
މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދަނިކޮށް ރޭ ފަތިހު 41 އަހަރުގެ ދިވެހި ފިރިހެނަކުންވެސް ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއާއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 205އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 187 ދިވެހިންނާއި 18 ބިދޭސީންނެވެ.

މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޯވިޑްގެ ނުރައްކާއިތުރުވެ، އެތައްބަޔަކު ޕޮޒިޓިވްވެ ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވެގެންދިޔައެވެ. މިއާއެކު ބަލީގެ ނުރައްކާ ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިވަގުތު 6000އެއްހާ މީހުން މިބަލީގައި ފަރުވާ ހޯދަމުންދާއިރު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވަނީ 50އަށް ދަށްވެފައެވެ. ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ޕޮޒިޓިވް ކޭސްތައް މަދުވިނަމަވެސް މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އޮތްކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގް)ން ވަނީ ބުނެފައެވެ.

ކުރިން އިންފެކްޓުވެފައިތިބި މީހުންނާއި އިތުރަށް ބައްޔަށް ހުށައެޅޭ މީހުން ތިބުމުން އެޑްމިޓުކުރާ މީހުން އިތުރުވާނަމަ ހާލު ސީރިއަސްވެ އިތުރު ބަޔަކު ނިޔާވެދާނެ ކަމަށް ޓެގުންވަނީ ލަފާކޮށްފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަން ސިއްޚީ ތަޖުރިބާކާރުންވަނީ ވިދާޅުވެފަވެ.