ދުނިޔޭގެ ވިޔަފާރި

ޖަޕާނުގައި މުދާ ވިއްކާ އަގު މަތިވަނީ


ސާދަ މަސް ދުވަހަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުގައި މުދާ ވިއްކާ އަގު އުފުލިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އަގުތައް ހުރިވަރަށް އުފުލުން އެކަށީގެންނުވާ ކަމުގައި މާހިރުން ވިދާޅުވެއެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްޠިޞާދު އޮންނަ ޖަޕާނުން ވަނީ އެ ޤައުމުގެ އިޤްޠިޞާދު ވަރުގަދަކުރުމަށްޓަކައި 2 އިންސައްތައަށް އިންފްލޭޝަން ރޭޓް ދަށްކުރުމަށް ވަރަށް ގިނަދުވަހު މަސައްކަތްކޮށްފައެވެ. އިންފްލޭޝަން މާބޮޑަށް މަތިނުވެ ހިފެހެއްޓިފައި ހުރީ ސްޓިމިއުލަސް ޕެކޭޖްތަކާއި މަނިޓަރީ އީޒިންގ ޕެކޭޖްތައް ދިނުމުގެ ސަބަބުންނެވެ.

މެއި މަހު އަގުތައް އުފުލިފައި މިވަނީ މިދިޔަ އަހަރު ތެލުގެ އަގު ދަށްވުމުގެ ސަބަބުން މިއަހަރު އެހެނިހެން ހަކަތައިގެ އަގު އުފުލުމުންނެވެ. ދުނިޔޭގެ އެހެން ހިސާބުތަކާއި އަޅާބަލާއިރު ޖަޕާނުގެ އިންފްލޭޝަން ރޭޓް ދަށްވުމާއެކު ބޭންކު އޮފް ޖަޕާނުން އިތުރު ފިޔަވަޅެއް އަދި އަޅާނެކަމަކަށް އުންމީދުނުކުރެވޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ކުރިއަށް ހުރި މަސްތަކުގައި ބޮޑެތި އެހެން ޤައުމުތަކުގެ އިޤްޠިޞާދާއި އަޅާބަލާއިރު ޖަޕާނުގެ ހެޑްލައިން އިންފްލޭޝަން އިތުރުވާނެކަމަށް ލަފާކުރާއިރު މުދަލުގެ ޑިމާންޑް މާބޮޑަށް އުފުލިގެން ނުދާނެތީ ޖަޕާނުގެ އިންފްލޭޝަން ރޭޓް މަތިވެދާނެކަމަށް ލަފާނުކުރާކަމަށް އިޤްޠިޞާދީ މާހިރުން ވިދާޅުވެއެވެ. މިއަހަރުގެ ދެވަނަ ހާފްގައި ވެކްސިން ދޭން ފަށައިފިނަމަ ޚިދުމަތްތަކުގެ އަގު އުފުލިގެން ދިއުން އެކަށީގެންވާކަމަށްވެސް މާހިރުން ވިދާޅުވެއެވެ.

އެހެން ޤައުމުތަކާއި ޚިލާފަށް ކޯވިޑްގެ ބަލިމަޑުކަން ޖަޕާނަށް ކޮށްފައިވަނީ ކުޑަކޮށްކަމަށާއި މި ބަލީގައި ޖަޕާނުން މަރުވެފައިވަނީ 14000 މީހުން ކަމަށް ޚަބަރުތައް ބުނެއެވެ. މިއާއެކު ހަރުކަށި ފިޔަވަޅުތަކާއި ފުރަބަންދުވެސް އެހެން ތަންތަނާއި އަޅާބަލާއިރު ޖަޕާނުގައި އަޅާފައިވަނީ މަދުންނެވެ. ޓޯކިޔޯ އާއި އެހެން އިޤްޠިޞާދީ ހަރަކާތްތައް ގިނަ ސަރަޙައްދުތަކުގައި އަދިވެސްވަނީ ފިޔަވަޅުތައް ދަމަހައްޓާފައެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް މާބޮޑަށް ކުރިއަށް ނުގޮސް އޮތުމަށްފަހު އަލުން ވެކްސިން ދޭން ފަށާފާވާއިރު މިހާތަނަށް ޖަޕާނުން ވެކްސިން ފުރިހަމަކޮށްފައިވަނީ 6 އިންސައްތަ މީހުންނެވެ.