ވިޔަފާރި

އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު މައްޗަށް ޖެހިލައިފި


ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މައްޗަށް ޖެހިލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 1812 ފަތުރުވެރިންނެވެ. މިމަސް ފެށިގެން އައި އިރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު ހުރީ 1700ގައި ގައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1-17 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށްވަނީ 30،801 ފަތުރުވެރިން އައސްފައެވެ. މިއީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 64،910 ފަތުރުވެރިންނާއި އަޅާ ބަލާއިރު 52.5 އިންސައްތަ ދަށް އަދަދެކެވެ.

އަހަރު ފެށިގެން އައި އިރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 2،971 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 3،460 ފަތުރުވެރިންނެވެ. މާރޗުމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3،535 ފަތުރުވެރިން އައިސްފައިވާއިރު، އޭޕްރީލްމަހު ރާއްޖެއަށް 3،040 ފަތުރުވެރިން އަދި މޭމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 2،080 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ މަައިގަނޑު ސަބަބެއް ކަމަށް ލަފާކުރެވެނީ، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އައުން ހުއްޓުމާއި ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެފައިވުމުން އެހެން ޤައުމުންތަކުންވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވުމެވެ.

އެހެން ނަމަވެސް މިހާރު ރާއްޖޭގެ ކޯވިޑް ނަމްބަރުތައް ދަށަށް ދާން ފަށާފައިވާއިރު، މިކަމުގެ ހެޔޮ އަސަރުތައް ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދުތަކުންވެސް މިވަނީ ފެންނަން ފަށާފައެވެ. ތަފާސް ހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 24.1 އިންސައްތަ އަކީ ރަޝިއާ ފަތުރުވެރިންނެވެ.

ދެވަނަ އަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 18.5 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖަރުމަންވިލާތުންނެވެ. ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 5.5 އިންސައްތައަކީ ޖަރުމަންވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެިރންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.