ޚަބަރު

މިޝްކާގެ މަރުގެ މައްސަލާގައި، މަޖިލިސް ކޮމިޓީއަށް މިނިސްޓަރު ޙާޒިރުކުރަނީ


ފަރުވާ ލަސްވެގެން ނިޔާވި ކުޑަކުއްޖާ، ފާޠިމަތު މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން، މިފެށޭ ހަފްތާގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޓީއަށް، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ޙާޒިރުކުރުމަށް ނިންމާފައިމިވަނީ، މިޝްކާގެ މަރުގެ މައްސަލައިގެ އިހުމާލުތައް ބެލުމަށް ކުރިއަށްގެންދާ ތަހުގީގު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް، ވިދާޅުވެފައިވަނިކޮށެވެ.

މިމަހުގެ 7ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެފައިވަނީ، އުމުރުން 10 އަހަރުގެ މިޝްކާގެ މަރާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމަށް ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި މިހާތަނަށް ފާހަގަވެފައިވާ ކަންކަން ވަރަށް ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ކުރިއަށްއޮތްތަނުގައި މެދުވެރިނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަން އެނގިވަޑައިގަންނަވާކަމަށާ، ނަމަވެސް މިކަން ތަހުގީގްކުރަންޖެހޭނީ އިންސާފުވެރިކޮށްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެހެންކަމުން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެމަސައްކަތް ފުރިހަމަ ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޓިގެ ބައްދަލުވުމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ޙާޒިރުކުރުމަށް ނިންމާފައިވާއިރު، އެ ކޮމިޓީ އޮންނާނީ އާދީއްތަ ދުވަހުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިޝްކާގެ މަރާ ގުޅިގެން ކަން ހިނގާދިޔަ ގޮތް ބެލުމަށް ހެލްތު މިނިސްޓްރީން ހެދި ރިވިއުން އެނގޭ ގޮތުގައި ކޯވިޑަށް ޕޮޒިޓިވްވެ މިޝްކާގެ ހާލު ދެރަވެގެން ކަމާއިބެހޭ ފަރާތްތަކަށް އެންގުމުން އެކަމުގައި ވަނީ ބޮޑެތި އިހުމާލުތަކެއް ވެފައެވެ. އެގޮތުން އެމްބިއުލާންސް ފޮނުވުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް މިނިސްޓްރީގެ ރިޕޯޓްގައިވެއެވެ.