ޚަބަރު

އަފްޣާނިސްތާނުގެ ގިނަ ސަރަޙައްދުތަކެއް ޠާލިބާނުންގެ ބާރުގެ ދަށަށް


އަފްޣާނިސްތާނުގެ ގިނަ ސަރަޙައްދުތަކެއް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައުމަށް އެ ޖަމާޢަތުންދޭ ޙަމަލާތައް އިތުރުކޮށްފިއެވެ.

އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރުން އިތުރުވެފައި މިވަނީ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެ ޤައުމުން ބާލާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނުކުރައްވާފައި ވަނިކޮށެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައްވެސް އެ ތާރީޚުގެ ކުރިން އެ ޤައުމުން ފައިބާނެކަމަށްވަނީ އިޢުލާނުކޮށްފައެވެ.

ފާއިތުވި ހަފުތާތަކުގައި ޠާލިބާނުން ދޭ ޙަމަލާތައް ވަރުގަދަކޮށް ގިނަ ސަރަޙައްދުތަކެއްވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެ ޙަމަލާތަކުގައި އަފްޣާނިސްތާނުގެ ސަރުކާރުގެ ފައުޖުތަކާއި ޠާލިބާނުންނަށްވެސް ގިނަ ގެއްލުންތައް ލިބިފައިވެއެވެ. މީގެ 10 ދުވަސްކުރިން ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަރުޔާބު ޕުރޮވިންސުގެ ދައުލާތު އާބާދު އަލުން އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ޖޫން މަހުގެ 17ވަނަ ދުވަހު ދިން ޙަމަލާތަކުގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ 20 ސިފައިންވަނީ މަރުވެފައެވެ. ޠާލިބާނުގެ ހަނގުރާމަވެރިން އެކި ޑިސްޓުރިކްޓުތަކުގައި ހުރި ސަރުކާރުގެ އިމާރާތްތަކަށް ޙަމަލާތައް އަމާޒުކުރަމުންދާކަމަށް އެ ޤައުމުން ބުނެއެވެ.

މެއި މަހުގެ 1ވަނަ ދުވަހު ބޭރުގެ ފައުޖުތައް ބޭލުމުގެ މަސައްކަތް ފެށިފަހުން އަފްޣާސްތާނުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް 27 ޑިސްޓުރިކްޓެއް ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވެއެވެ. ޠާލިބާނުންގެ ބާރުގެ ދަށަށް ސަރަޙައްދުތައް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ޢާންމުންގެ ފުރާނައަށްވެސްދަނީ ގެއްލުންވަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ކާބުލްގެ މަދަރުސާއަކަށް ޠާލިބާނުން ދިން ޙަމަލާއެއްގައި 68 މީހުންވަނީ މަރުވެފައެވެ. ޙަމަލާ ބަދަލުކުރުން އިތުރުވެފައިވާތީ ޢާންމުންގެ ގިނަ ބަޔަކުވަނީ ރައްކާތެރި ސަރަޙައްދުތަކަށް ފިލަމުންނެވެ. ވިޔަފާރިތަކާއި ފިހާރަތަކަށްވެސް ބޮޑެތި ގެއްލުންތައްދަނީ ލިބެމުންނެވެ.

ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ޞުލްޙައިގެ މަޝްވަރާތައްކޮށް އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމާގުޅޭ އެއްބަސްވުމަކާ ހަމައަށް އާދެވޭނެކެމަށް އެމެރިކާއިން އުންމީދުކުރެއެވެ. އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެތައް ފަހަރެއްގެ މަތިން ޠާލިބާނުންނަށް ގޮވައިލައްވައިފައެވެ. ނަމަވެސް ޙަމަލާތައް މަދުކުރުމުގެ ބަދަލުގައި ޠާލިބާނުންވަނީ ޙަމަލާތައް އިތުރުކޮށްފައެވެ. އަފްޣާނިސްތާނުން ބޭރުގެ ފައުޖުތަކުން ފައިބާތީ ޠާލިބާނުންގެ ބޮޑާކަން އިތުރުވެފައިވާކަމަށް މާހިރުން ބުނެއެވެ. އަދި އެ ފައުޖުތައް ފޭބުމުން ސަރުކާރުގެ ފައުޖުތައް ބަލިކަށިވާނެކަމާއި އެ ފައުޖުތައް ބަލިކުރެވޭނެކަމުގެ ޔަޤީންކަން ޠާލިބާނުންނަށް ލިބިފައިވާކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން ސެޕުޓެންބަރު މަހުގެ ފަހުން އަފްޣާނިސްތާނުގައި ޠާލިބާނުންގެ ނުފޫޒު އެތައް ގުނައެއް އިތުރުވާނެކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.