ކުޅިވަރު

ބްރެޒިލް އެޓީމު ކުޅުނު 2ވަނަ މެޗު ވެސް ކާމިޔާބުކޮށްފި


ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލުން އެޓީމް ކުޅުނު ދެ ވަނަ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
މިމެޗް ބްރެޒިލްއިން ކާމިޔާބުކޮށްފައިވަނީ ޕެރޫ އާއި ވަދަކޮށް 4 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގެ ބްރެޒިލް ކުޅުނު ފުރަތަމަ މެޗްވެސް އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ވެނަޒުއޭލާގެ މައްޗަށް އެޓީމު ވަނީ 3 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މިމެޗްގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޕެރޫއަށް މާ ނުރައްކާތެރި ހަމަލާއެއް ބްރެޒިލްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗްގައި ބްރެޒިލްއަށް ލީޑް ނަގައިދިނީ މެޗްގެ 12ވަނަ މިނެޓްގައި ގެބްރިއެލް ޖެސޫސް ދިން ބޯޅައަކުން އަލް ސަންޑްރޯއެވެ. މިލަނޑަށްފަހުވެސް ބްރެޒިލްއިން ދިޔައީ ޕެރޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް އެޓީމުން އުދައްދަމުންދިޔަ ގިނަ ހަމަލާތައް ވަނީ ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފްގައި އިތުރު ގޯލެއް ބްރެޒިލްއަށް ޖެހޭގޮތް ނުވިއިރުގައި ޕެރޫއަށް ލިބިފައި ވަނީ ވަރަށް މަދު ފުރުސަތެކެވެ.

މި މެޗްގެ ދެވަނަ ހާފްގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ބްރެޒިލްއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗްގެ 68ވަނަ މިނެޓްގައި އެޓީމުން ވަނީ 2ވަނަ ލަނޑެއް ޖާހައި، ލީޑް ފުޅާކޮށްފައެވެ. މިލަނޑު ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ނޭމާއެވެ. ބްރެޒިލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗްގެ 89ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެވަޓަން ރިބޭރޯއެވެ. އަދި މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ރިޗާލިސަން ވަނީ ބްރެޒިލްގެ 4ވަނަ ލަނޑު ޖަހާފައެވެ. ދެ މެޗުން ހޯދި 6 ޕޮއިންޓާއެކު ބްރެޒިލް އޮތީ ބުރޫޕް ބީގެ އެއްވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ކޮލަންބިއާ އާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު ވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.