ކުޅިވަރު

13 އަހަރަށް ފަހު ނެދަލެންޑްސްއިން ޔޫރޯގެ 2ވަނަ ބުރަށް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޮސްޓްރިއާ ބަލިކޮށް 13 އަހަރަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 2ވަނަ ބުރުން ނެދަލެންޑްސް ޖާގަ ހޯދައިފިއެވެ. މިމެޗް ނެދަލެންޑްސް ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.

ނެދަލެންޑްސްވަނީ އެޓީމް ކުޅުނު ދެ މެޗް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. ގުރޫޕް ސީގެ ދެވަނައިގައި އޮތް ޔޫކްރެއިން އަދި ތިންވަނައިގައި އޮތް އޮސްޓްރިއާ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ނޯތު މެސަޑޯނިއާއެވެ. ނެދަލެންޑްސްއަސް 13 އަހަރަށް ފަހު މިފުރުސަތު ލިބިފައިވާއިރު، 2016ވަނަ އަހަރުގެ ޔޫރޯއަށް އެޓީމް ކޮލިފައިވެފައެއް ނުވެއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މިމެޗްގެ 11ވަނަ މިނެޓްގައި ނެދަލެންޑްސްއިން ވަނީ ގޯލެއް ޖަހައި، މެޗްގައި ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މެމްފިސް ޑިޕާއީއެވެ. މި ލަނޑަށްފަހު ވެސް ނެދަލެންޑްސްއަށް ލީގް އިތުރަށް ފުޅާކުރުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެޓީމުގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނާލްޑަމް އަށް ލިބުނު ފުރުސަތަށް އޮސްޓްރިއާގެ ޑިފެންޑަރުން ވަނީ ހުރަސް އަޅާފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި އޮސްޓްރިއާއަށް ލަނޑު ޖާހާނެ މާގިނަ ފުރުސަތުތަކެއް ނުލިބެވެ. އަދި ލިބުނު ފުރުސަތުގެ ވެސް ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ. ނެދަލެންޑްސްއިން ވަނީ މެޗްގެ ދެވަނަ ހާފްގައި އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑަމްފްރީސްއެވެ. މެޗްގެ ބޮޑުގައި ނެދެލެންޑްސްއިން ކުޅުނު ނަމަވެސް މެޗްގެ 81ވަނަ މިނެޓްގައި އޮސްޓްރިއާގެ ކެޕްޓަން އަލަބާއަށް ރަގަނޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އަލަބާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކަރިން ބޭރަށެވެ. ނެދަލެންޑްސްގެ އިތުރުން މިމުބާރާތުގެ ދެވަނަ ބުރުން ބެލްޖިއަމް އަދި އިޓަލީ ވެސް ވަނީ ދެވަނަ ބުރު ޔަގީންކޮށްފައެވެ.