ޚަބަރު

މޭޔަރާއި މިނިސްޓަރު އެއް މޭޒަކަށް، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ކާމިޔާބުކަން!


މައި ސަރުކާރުގެ މުށުތެރެއިން ލޯކަލް ކައުންސިލްތައް މިނިވަންކޮށް ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅުގެ ދަށުން، މިސަރުކާރު އައުމާއެކު އެންމެ ފުރަތަމަވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެއް ކަމަކީ މައި ސަރުކާރަށް، ކުރީގެ ސަރުކާރުން ޖަމާކުރި ބާރުތައް ދޫކޮށްލުމެވެ.

މިއާއެކު ވުޒާރާތަކުން ކުރަމުންދިޔަ ގިނަ ކަންކަން ކައުންސިލްތަކުގެ ދަށަށް ބަދަލުވެގެންދިޔައެވެ. އަދި އެއްވެސް ކައުންސިލެއް ތަފާތުކުރުމެއްނެތި ހުރިހާ ކައުންސިލްތައް ސީދާ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައްދަލުކޮށް، ރަށްރަށަށް ކުރިމަތިވާ ދަތިތައް މައި ސަރުކާރާ ގުޅިގެން ކުރުމަށް ފުރުޞަތު ފަހިވެގެން ދިޔައެވެ.

މީގެ އިތުރުން މާލީ ފުދުންތެރިކަމާއެކު އިތުރު ބާރުތައްވެސް ކައުންސިލްތަކަށް ދިނުމުގެ މަސައްކަތް މިސަރުކާރުން ފެށިއެވެ. އެގޮތުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މުހިންމު ގިނަ އިޞްލާހުތަކެއް ގެނެސް މީގެކުރިން ދުވަހަކުވެސް ކައުންސިލްތަކަށް ނުލިބޭހާ ގިނަ ބާރުތަކެއް ދިނެވެ. އޭގެތެރޭގައި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ބޭނުންނަމަ ސިޓީ

ކައުންސިލަތާއި ރަށު ކައުންސިލްތަކަށް ކޮންމެހެންވެސް ލިބިދޭން ޖެހޭ މާލީ ބާރުވެރިކަންދީ، ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާއެކު އެރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކުން ކައުންސިލްތަކަށް ޢާމްދަނީ ހޯދޭނެގޮތާއި އަމިއްލަ ނަމުގައި ވިޔަފާރިކުރެވޭނެ ބާރުތައްވެސް އައު އިޞްލާހުތަކާއެކު ކައުންސިލްތަކަށް ދިނެވެ. މިކަންކަން ވެގެންދިޔައީ ފެހި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން، ކައުންސިލްތަކަށް ދިން އެންމެބޮޑު ބާރުވެރިކަމަށެވެ.

މިފަދަ ގިނަ ބާރުތަކެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކައުންސިލްތަކަށް ހޯއްދަވައިދެއްވިއެވެ.

އެހެންނަމަވެސް، 2008 އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ލާމަރުކަޒީ ޤާނޫނާމެދު ކުރީ ސަރުކާރުގައި ޢަމަލުކުރީ މިއާ ދިމާ އިދިކޮޅަށްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ކައުންސިލްތަކުގެ ބާރު ހަނިކުރައްވައި ކައުންސިލްތަކުގެ ހުރިހާ ބާރުތަކެއްހެން މައި ސަރުކާރުގެ ވުޒާރާތަކުގެ ދަށަށް ބަދަލުކުރެއްވިއެވެ. އަދި އެތައް ކައުންސިލަރުންނެއް ސަސްޕެންޑްކުރެއްވިއެވެ. މީގެ އިތުރުން މާލެއާ ގުޅޭ ކަންކަން ބަލަހައްޓަމުން ދިޔަ މާލޭ ސިޓީ ކައުންސިލްގެ ކިބައިން ވިހާ، މަރުވާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނަންގަވައި ސިޓީ ކައުންސިލް ބާރު މުޅިންގެން ކަނޑުއްވާލެއްވިއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކުން ފެނުނީ، އެރަށެއްގެ ރައްޔިތުންނާއި ސީދާ ގުޅުންހުރި ކަންކަމުގައިވެސް ކައުންސިލްތަކަށް ބަހެއް ބުނުމުގެ ފުރުޞަތު ނުދެއްވައި ހިފެހެއްޓެވިތަނެވެ. ހުރިހާކަމެއް ނިންމަވަމުން އައީ މައި ސަރުކާރުންނެވެ. މާލޭގައިވެސް ރައްޔިތުންނަށް ހުރި ދަތިތަކާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލަށް ބަހެއް ބުނެލުމުގެ ފުރުޞަތުވެސް ދީފައިނުވެއެވެ. ސަބަބަކީ ސަރުކާރާއި ސިޔާސީ ގޮތުން ވާދަވެރި ކައުންސިލެއް އޮތުމެވެ.

އޭރާ ޚިލާފަށް މިހާރުގެ ސަރުކާރުން ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު، އެ ބާރުތައް ތަންފީޒްކޮށް، މާލޭގެ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިންތިޚާބުވެފައި މިއަދު ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒެވެ. ސަރުކާރައި ސިޔާސީގޮތުން މުޅިން ތަފާތު ޚިޔާލުތަކެއް ގެންގުޅުއްވި ނަމަވެސް ސަރުކާރުންމިވަނީ ހަޤިޤީ ލާމަރުކަޒީ ނިޒާމެއްގެ ސިފަ ރައްޔިތުންނަށް ދައްކުވައިދެއްވާފައެވެ. އެކަން ފެނިގެންދިޔައީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއެކު ސަރުކާރުން އެއް މޭޒަކަށް ވަޑައިގަތުމުންނެވެ.

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށްވާ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމާއި ޑރ.މުޢިއްޒު އެއް ޕްލެޓްފޯމަކުން ފެނިގެން ދިޔައެވެ. މިއާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަކީ ސިޔާސީ ގޮތުން ޚިޔާލުތަފާތު މީހުންނާއެކުވެސް ގުޅިގެން މަސައްކަތްކުރައްވާ ވެރިއެކަން އިތުރަށް ހާމަވެގެން ދެއެވެ.

ސަރުކާރާ އިދިކޮޅު ކައުންސިލްތައް އޮތް ރަށްރަށުގައާއި މާލޭގެ ކައުންސިލްގެ މެޖޯރިޓީ ގެއްލުނުނަމަވެސް، ކައުންސިލްތަކަށް ދިން ބާރުތައް އެގޮތުގައި ދަމަހައްޓަވަމުން ގެންދަވާކަންވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަޢުދުވެވަޑައިގެންނެވި ފަދައިން ކައިންސިލަތަކަށް ބާރުތައް ދޫކޮށްލައްވައި، ކައުންސިލްތަކަށް ޤާނޫނުގައި މަތިކޮށްފައިވާ ހުރިހާ ބާރެއް ފުރަތަމަ ދުވަހުން ފެށިގެން ދޫކޮށްލެއްވި ކަމަކީ މިނިޒާމު ފުރިހަމަކުރެއްވުމަށް އެމަނިކުފާނު އިސްކަންދެއްވާ މިންވަރު ހާމަކޮށްދޭކަމެކެވެ.

ކައުންސިލްތަކަށް އޮތް ބާރުތައް ނުނަގާނެކަން ސާބިތުކޮށްދިނުން

ލާމަރުކަޒީ ޤާނޫނުގެ ދަށުން ގެނައި އިޞްލާހުތަކުގެ ދަށުން، ކައުންސިލްތަކުގެ އިދާރީ އެންމެ އިސްވެރިއަކީ ސެކްރެޓަރީ ޖެނެރަލެވެ. ޤާނޫނުގައި ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތުތައްވެސް ބަޔާންކޮށްފައިވެއެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ސަރުކާރުން ދީފައިވާ މިދަނޑިވަޅުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ގެމަނަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ވަނީ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިޞްލާހެއް ހުށައަޅާފައެވެ.

މިއާއެކު ސަރުކާރުން ވަނީ އެ އިޞްލާހަށް ތާޢީދުނުކުރާކަން ހާމަކޮށްފައެވެ. އެގޮތުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް، ސެކްރެޓަރީ ޖެނެރަލް އައްޔަންކުރަންވާނީ ކައުންސިލްގެ ލަފާގެމަތިން ކަމަށް ޤާނޫނަށް އިސްލާޙު ގެނައީ މި ސަރުކާރުންކަމަށާއި އެސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމަށް ސަރުކާރުން ވިދާޅުވިއެވެ. އަދި މެންބަރު އަޙްމަދު ސަޢީދު ހުށައަޅުއްވާފައިވާ އިޞްލާހުގެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަމަށްވެސް ސަރުކާރުން ހާމަކުރެއްވިއެވެ.


ލާމަރުކަޒީ ނިޒާމަށް މިއަހަރު 12 އަހަރު ފުރިގެންދިޔައިރު، ފުރަތަމަ ފަހަރަށް ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމް ހިންގަވާތަން ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިވަނީ ސާބިތުކޮށްދެއްވާފައެވެ. ކައުންސިލްތަކަށް ދެއްވި ބާރުތަކާއެކު، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުމަށް ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ބުނެ ކައުންސިލްތަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުވަތަ ކުރެވޭނެ އެއްވެސް ޝަކުވާއެއް މިހާރަކު ނޯންނާނެއެވެ. ދެން އޮތީ ރައްޔިތުން އެދޭފަދަ ތަރައްޤީ ހާސިލްކޮށް ދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމެވެ. ނަތީޖާ \ނެރެދެއްވުމެވެ.