މުނިފޫހިފިލުވުން

"ޓައިގަރ 3"ގެ ފަހުން އަނެއްކާވެސް ސަލްމާންގެ އެކްޝަން ތްރިލަރ


މިއަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "މާސްޓަރ" ގެ ރައިޓްސް ގަތުމުގެ ވާހަކަތައް ބޮލީވުޑް ސުޕަރ ސްޓާރ ސަލްމާން ޚާން ދައްކަން ފަށާފައިވަނީ އޭޕްރީލް މަހުއެވެ. އޭގެފަހުން ފިލްމުގެ ސްކްރިޕްޓަށް މަޑުކޮށްގެން ހުރި ސަލްމާނު މިހާރު އަންނަނީ އޭނާގެ ކާމިޔާބު ޓައިގަރ ސީރީޒްގެ "ޓައިގަރ 3" ގެ ޝޫޓިންތަކަށް ތައްޔާރުވަމުންނެވެ.

އިންޑިއާގެ ނޫސްތަކުގައި ސަލްމާނާއި ގުޅިގެން މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ޑައިރެކްޓަރ ރާޖްކުމާރު ގުޕްތާއާއެކު ސަލްމާނު އަނެއްކާވެސް އެކްޝަން ތްރިލަރ އެއްގައި މަސައްކަތްކުރަން ނިންމާފައިވާ ވާހަކަތަކެވެ.

އިންޑިއާގެ ތާރީޚުގައި ހިނގާފައިވާ ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ހަދާ މި ފިލްމުގެ ވާހަކަތައް ރާޖްކުމާރު ސަލްމާނާއި ދައްކާތާ ދުވަސްކޮޅެއްވަނީ ވެފައެވެ. އަދި ފިލްމުގެ ވާހަކައާއި މެދު ސަލްމާން ހިތްހަމަޖެހޭކަމަށްވެސް ވެއެވެ. ރާޖްކުމާރުގެ އަމިއްލަ ވާހަކައަކަށް ހަދާ ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. ރާޖްކުމާރުގެ ނިންމުމަކީ މި ފިލްމުގައި ސަލްމާން ނޫން މީހަކު ލީޑް ނުކުޅުމެވެ.

މިއަހަރު ނިމޭއިރު "ޓައިގަރ 3" ގެ ޝޫޓިންތައް ނިންމާ އެއަށްފަހު ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ ސާޖިދު ނަދިއާދުވާލާގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގެ މަސައްކަތްތައް ސަލްމާނު ފަށާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެއަށްފަހު ރާޖުކުމާރު މި ފިލްމުގެ މަސައްކަތް ފަށަން ސަލްމާނު ތައްޔާރަށްހުރިކަމަށްވެސް އެ ޓީމުން ބުނެއެވެ.

ސަލްމާނުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "އަންތިން: ދަ ފައިނަލް ޓްރަތް" ، "ލާލް ސިންގް ޗައްޑާ" ، "ކަބީ އީދު ކަބީ ދިވާލީ" ، "ކިކް 2" އަދި "ޓައިގަރ 3" ހިމެނެއެވެ. ރާޖްކުމާރު ވަނީ ކްރިޓިކްސްގެ ތަޢުރީފް ލިބިފައިވާ "އާމިރު" "ނޯވަން ކިލްޑް ޖެސިކާ" "ގާންޗައްކަރު" އަދި "ރެއިޑް" އަކީ އޭނާގެ ޑައިރެކްޝަނެވެ.