ވިޔަފާރި

ފަތުރުވެރިކަން ކުރިން އޮތް ހިސާބަށް ދާން 2 އަހަރެއްހާ ދުވަސް ނަގާނެ: އަމީރު


ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ކޯވިޑްގެ ކުރިން ހުރި އަދަދުތަކާއި ހަމައަށް ދިޔުމަށް 2 އަހަރެއްހާ ދުވަސް ނަގާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ބޭއްވި "އިންވެސްޓިން އިން މޯލްޑިވްސް" ވެބިނަރގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ހުސްވި އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައިވެސް ރާއްޖެއަށް ގިނަ އަދަދެެއްގެ ފަތުރުވެރިން އަންނަމުން ދިޔަ ކަމަށެވެ. އެހެން ނަމެވެސް ފާއިތުވި ދެމަސްދުވަސްތެރޭ ރާއްޖެއިން އަނެއްކާވެސް ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ފެންނަމުން ދިޔުމާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް އޭގެ އަސަރު ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު މިއަހަރުތެރޭ ރާއްޖެއަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޤަބޫލްކުރާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއަހަރު ރާއްޖޭގެ އިޤްތިސާދު 22.7 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"މިއަހަރު 1 މިލިއަނަށްވުރެ ގިނަ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމާއި މެދު ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް، އަދި ކުރިއަށް އޮތް ދެ އަހަރުތެރޭ ރާއްޖެއަށް ކޯވިޑްގެ ކުރިން ފަތުރުވެރިން އަންނަމުން ދިޔަ އަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް ދަށްކަން ފާހަގަކުރައްވާފައެވެ. އަދި މީގެން ދަށްކައިދެނީ ރިސޯޓްތަކުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ހަރުދަނާކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

90 އަށްވުރެ ޔޫރަޕްގެ އިންވެސްޓަރުން ބައިވެރިވި މި ވެބިނަރގައި މިނިސްޓަރ ވަނީ ރާއްޖޭގައި ކުރިއަށްދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ތަފްސީލްތައް ހިއްސާކޮށްފައެވެ. އަދި މި މަޝްރޫޢުތަކާއި އެކު އިންވެސްޓަރުންނަަށް ހުރި ފުރުސަތުުކާއި ގުޅޭ މައުލޫމާތުތައްވެސް ފިނޭންސް މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ.