ޚަބަރު

ހަރުދަނާ މަޝްވަރާތަކަކަށްފަހު އެމެރިކާއާއި ރަޝިޔާއާ ދެމެދު އަލުން ސަފީރުން ބަދަލުކުރަނީ


އެމެރިކާގެ ޖޯ ބައިޑަންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ހަރުދަނާ ވާހަކަތަކެއް ދެކެވުނުކަމަށާއި ދެ ޤައުމުގެ ދެމެދުގައި އަލުން ސަފީރުން ބަދަލުކުރަން ނިންމާފައިވާކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު އަނބުރައި ގެނެސްފައިވަނީ ޕުޓިންނަކީ ޤާތިލެއްކަމަށް ބައިޑަން ވިދާޅުވުމުން އުފެދުނު މައްސަލަތަކުގެ ސަބަބުންނެވެ. ރައްދުގައި އެމެރިކާއިންވެސްވަނީ ރަޝިޔާގައި ހުންނަވާ އެ ޤައުމުގެ ސަފީރުވެސް އަނބުރާ ގެނެސްފައެވެ. ޕުޓިންނާ ބައްދަލުކުރެއްވުމުގެ ކުރިން ބައިޑަންވަނީ ރަޝިޔާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސުވިޓުޒަލެންޑުގެ ޖެނީވާގައި ފުރަތަމަ ފަހަރަށް ބައިޑަންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ޙައްލުކުރުމަށް އަލުން ސަފީރުން ބަދަލުކުރުމުގެ އިތުރުން ނިޔުކްލިޔަރ ހަތިޔާރު މަދުކުރުމާއި އިންޓަނެޓު މެދުވެރިކޮށް ދެމުންދާ ޙަމަލާތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އެ ގޮތުން ރަޝިޔާއިން ވާނީ އިންޓަނެޓު މެދުވެރިކޮށް ދެމުންދާ ޙަމަލާތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް އެމެރިކާއާ ޙިއްޞާކޮށްފަކަމަށާއި އެ ކަމައި ގުޅޭ އިތުރު މަޝްވަރާތައް ދެ ޤައުމުގެ ދެމެދުގައި ކުރުމަށް ނިންމާފައިވާކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިންގެ މައްސަލައާ ގުޅޭގޮތުން ޕުޓިން ވިދާޅުވީ ނޭޓޯއާ ގުޅުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކާމެދު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާކަމަށާއި ޔޫކްރެއިންގެ ސަރުކާރުވަނީ އެ ޤައުމުގެ އިރުމަތީ ސަރަޙައްދުތަކުގައި ވަކިވެގަންނަން މަސައްކަތްކުރާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރެއިންގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ޤައުމުގެ ސަރުކާރެވެ.

އެމެރިކާއާއި ރަޝިޔާގެ އެންމެ އިސްވެރިންގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުން ހަތަރު ގަޑިއިރަށް ދެމިގެންދިޔައެވެ. އެ ބައްދަލުވުން ފެށުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ހުރި ޚިލާފުތަކުގެ ސަބަބުން ބޮޑު ކުރިއެރުންތަކެއް ހޯދޭނެކަމަކަށް ނުބެލެވުނެވެ.