ޚަބަރު

މެންބަރު އީސަގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސަގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އަންނަ ހޯމަދުވަހު ފަށަން ކްރިމިނިލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މިމައްސަލަ ޕީޖީ އޮފީހުން ކޯޓަށް ހުށައަޅާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެންބަރު އަޙްމަދު އީސަގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތް ހޯމަދުވަހު ފަށަން ނިންމާފައިވާކަން ކްރިމިނަލް ކޯޓުން އަންގާފައިވާކަމަށެވެ.

މެންބަރު އީސަ އާއި ގުޅޭގޮތުން ފުލުހުން ތަހުޤީގުކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމު ގައިގައި ތަޅާ މާރާމާރީ ހިންގާ އަނިޔާކުރި މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ހުށައެޅީ އަސްރާގެ އަވަށްޓެރިއެއް ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލާގައި ފުލުހުން ވަނީ އަސްރާގެ ބަޔާންވެސް ނަގާފައެވެ. އެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް އަސްރާ އެދިވަޑައިގެންނެވި ނަމަވެސް ވަކި މީހަކު އެދިގެން މައްސަލަ ފައިލް ނުކުރާނެ ކަމަށް ވިދާޅުވެ ފުލުހުން ވަނީ މައްސަލަ ބަލާފައެވެ.

މެންބަރު އީސަގެ މައްޗަށް އުފުލާފައިވާ މިދަޢުވާގެ ކުށަކީ ޖުނަޙްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ، 6 މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ޖޫރިމަނާގެ އަދަބު ކަނޑައަޅާނަމަ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މިދަޢުވާ ސަބިތުވި ނަމަވެސް އީސަ ފުރުއްވަމުން ގެންދަވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެއެވެ. ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމެންބަރެއްގެ މައްޗަށް އަހަރަކަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވައިފިނަމައެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވުނު ގެވެށި އަނިޔާގެ މައްސަލާގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގައިދިނުމަށް އެމްޑީޕީންވެސް ވަނީ ގޮވާލާފައެވެ. ތުހުމަތުކުރެވޭ މައްސަލާއާއި ގުޅިގެން އެކަމުގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، ޕާޓީގެ ޤައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީންވަނީ ނިންމާފައެވެ. އަދި އީސަ ފުރުއްވަމުން ގެންދެވި ރައްޔިތުން މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުޤައްރިރުކަމުން ވަކިކުރަން މަޖިލީހުން މަސައްކަތް ފެށުމުން އޭނާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.