ކުޅިވަރު

ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަން މެޑަލްއެއް ލިބިދާނެ


7 ވަނަ ވޯލްޑް ޗެންޕިއަންޝިޕް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް
ޗެންޕިއަންޝިޕްގެ ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަންމެޑަލްއެއް ލިބިދާނެކަމަށް
އަބްދުﷲ ނިޔާޒު ބުނެފިއެވެ.

މިމުބާރާތަށް ރާއްޖޭގެ ޤައުމީ ބޮޑީ ބިލްޑިންގ ޓީމް ފުރުމުގެ
ކުރިން މޯލްޑިވްސް ބޮޑީ ބިލްޑިންގެ އެކްސްކޯ މެންބަރު އަބްދުﷲ ނިޔާޒު ބުނީ
މިމުބާރާތަކީ ބޮޑީ ބިލްޑިންގައި އެންމެ ބޮޑު މުބާރާތްކަމަށާއި، މިމުބާރާތުގައި ޤައުމުތަކުން ވާދަކުރާނީ އެޤައުމެއްގެ އެންމެ ރަނގަޅު އެތްލީޓުންކަމަށެވެ. އަދި
އެހެން އަހަރުތަކުގައި މިމުބާރާތް ކާމިޔާބުކޮށްފައިވާ އެތްލީޓުންވެސް މިފަހަރު
މިމުބާރާތުގައި ވާދަކުރާނެކަމަށް އަބްދުﷲ ނިޔާޒު ބުންޏެވެ.

 މިމުބާރާތް އޮންނާނީ މިއަދުން ފެށިގެން މިއަންނަ މަހުގެ ތިނަކަށް ބެންކޮކްގައެވެ. މިމުބާރާތުގައި ޖޫނިއަރ
ކެޓަގަރީން ރާއްޖެއިން ވާދަކުރަނީ އުމުރުން ނަވާރަ އަހަރުގެ ފާލިޙު މުހައްމަދުއެވެ.
ނިޔާޒު ބުނީ ރާއްޖެއަށް ޖޫނިއަރ ކެޓަގަރީން ރަން މެޑަލްއެއް ލިބިދާނެކަމަށެވެ. ހާއްސަކޮށް ތިން މަސްދުވަސް ވަންދެން ކުރެވުނު ފަރިތަކުރުންތަކަށް ބާލާއިރު، މިބައިން ރަންމެޑަލްއެއް ލިބިދާނެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭކަމަށް އޭނާ ބުންޏެވެ.



" ތިން މަސް ދުވަސްވަންދެން ކުރެވުނު މަސައްކަތަށް ބާލާފަ، ރަން މެޑަލްއެއް
ލިބިދާނެ. ހާއްސަކޮށް މިމުބާރާތުގައި ވާދަކުރާ އެތްލީޓުންނަށް ބަލާއިރު، ޖޫނިއަރ
ކެޓަގަރީން ރާއްޖެއަށް ރަން މެޑަލް ލިބޭނެކަމަށް ލަފާކުރެވެނީ. އެއީ ޖޫނިއަރ
ކެޓަގަރީގައި އެހެން ޤައުމުތަކުންވެސް ވާދަކުރަނީ ރާއްޖެއާ އެއް ފެންވަރެއްގެ
އެތްލީޓުންކަމަށް ވާތީ." ނިޔާޒް ބުންޏެވެ.



7 ވަނަ ވޯލްޑް ޗެންޕިއަންޝިޕް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް
ޗެންޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާނީ ހަތަރު އެތްލީޓުންނެވެ. އެއީ ހުޝާމް ހަމީދު، ގިޔާސް އިބްރާހީމް، ޝަހީން އިބްރާހީމް އަދި ފާލިޙު މުހައްމަދުއެވެ. ޖޫނިއަރ
ކެޓަގަރީގައި ވާދަކުރާ ފާލިޙު ވާދަކުރާނީ ފިޒީކްބައިގެ ހަތްދިހަ ކިލޯގެ ކެޓަގަރީގައެވެ.