ޚަބަރު

އިންޑިޔާގައި ލުއިތަކެއް ދިނުމުން ޢާންމުންގެ ފަރާތުން ފަރުވާކުޑަ ޢަމަލުތަކެއް


ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދިޔަ އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށްދާން ފެށުމުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ދިން ލުއިތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން އެއްވެސް ރައްކާތެރިކަމެއް ނެތި ޢާންމު ތަންތަނުގައި އެއްވެ އުޅޭ މިންވަރު އިތުރުވާން ފަށައިފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 29.6 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 379،601 މީހުންވަނީ މަރުވެފައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ދުވާލަކު 400،000އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ބަލިޖެހިފައިވެއެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހިފައިވަނީ 62،226 މީހުންނަށެވެ. އަދި މަރުވެފައިވަނީ 1،470 މީހުންނެވެ.

އިންޑިޔާގައި ކޯވިޑް-19ގެ ނުރައްކާތެރި ދެވަނަ ރާޅެއް ފެތުރި ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވުމުން އެ ޤައުމުގެ ބައެއް ސަރަޙައްދުތައްވަނީ ފުރަބަންދުކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ވެރިކަންކުރާ ނިޔު ދިއްލީއާއި ބެންގަލޫރު ހިމެނެއެވެ. އެ ދެ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރުވަނީ ލުއިތަކެއް ދޭން ފަށައިފައެވެ.

ފަސް ހަފުތާގެ މުއްދަތަށް ފުރަބަންދުކުރުމަށްފަހު ނިޔު ދިއްލީގެ ފިހާރަތަކާއި ވިޔަފާރި މަރުކަޒުތައްވަނީ އަލުން ހުޅުވައިފައެވެ. އެ ގޮތުން ތަނުގެ ޖާގައިގެ 50 އިންސައްތައިގެ ޖާގައިގައި ރެސްޓޯރަންޓުތަކާއި ކެފޭތަކުގައި ޚިދުމަތް ދިނުމުގެ ޙުއްދަވަނީ ދީފައެވެ. އަދި 50 އިންސައްތައިގެ ޖާގައިގައި ރޭލުދަތުރުކުރާ ނިޒާމުތައް ބޭނުންކުރުމުގެ ޙުއްދަވަނީ ދީފައެވެ. އަދި ފިޔަވަޅުތަކާއެކު އިދާރާތައް އަލުން ހުޅުވުމުގެ ޙުއްދަވެސްވަނީ ދީފައެވެ.

ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާއެކު މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ނިޔު ދިއްލީގެ އެންމެ މަޤުބޫލު ވިޔަފާރި މަރުކަޒަށް 19،000އަށްވުރެ ގިނަ މީހުންވަނީ ގޮސްފައެވެ. ބޮޑެތި ސިޓީތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން ރަށްފުށު ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން އަލުން ވަޒީފާއަށް ނުކުތުމަށް ރޭލުތައް މެދުވެރިކޮށް ދަތުރުކުރަންވަނީ ފަށައިފައެވެ. ވިޔަފާރިތައް އަލުން ހުޅުވައި އާމުދަނީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކޯވިޑް-19އަށް ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާއަކާ ހަމައަށް ވާޞިލުވުމަށް ހުރަސްއެޅޭނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. އެއްފަހަރާ ގިނަ ފިޔަވަޅުތަކަކަށް ލުއިތަކެއް ދިނުމަކީ އެކަމާ ކަންބޮޑުވާކަމެއްކަމަށް ޞިއްޙީ ޚިދުމަތްތެރިން ބުނެއެވެ. ނަމަވެސް ޙާލަތު ގޯސްވާނަމަ އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި ކޯވިޑް-19އާ ދެކޮޅަށް ދުވާލަކު 2.4 މިލިޔަނަށްވުރެ ގިނަ ޑޯޒު ދެއެވެ. ޞިއްޙީ މާހިރުން ބުނީ ބަލީގެ ތިންވަނަ ރާޅެއް ފެތުރުން ހުއްޓުވޭނީ ވެކްސިން ދެމުންދާ މިންވަރު ހަތަރު ގުނައަށް އިތުރުކޮށްގެންކަމަށެވެ. 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 47.2 މިލިޔަން މީހުންނެވެ. އެއީ އެ ޤައުމުގެ އާބާދީގެ އެންމެ 3.5 އިންސައްތައެވެ. ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާ މީހުންގެ ނިސްބަތަކީ އާބާދީގެ 15 އިންސައްތައެވެ.