ޚަބަރު

ޙަމަލާ ދިނުމަށްފަހު މަރާލީ ޕޯލިޔޯއަށް ވެކްސިން ދެނިކޮށް


އަފްޣާނިސްތާނުގައި ޕޯލިޔޯ ވެކްސިން ދިނުމުގައި ޙަރަކާތްތެރިވި ޞިއްޙީ ޚިދުމަތްތެރިންނަށް ޢަމާޒުކޮށް ޙާމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގެ ފުލުހުން ބުނީ އަފްޣާނިސްތާނުގެ ތިން ސަރަޙައްދެއްގައި ޞިއްޙީ ޚިދުމަތްތެރިންނަށް ޢަމާޒުކޮށް ޙަމަލާތަކެއް ދީފައިވާކަމަށެވެ. އެ ޙަމަލާތަކުގައި ފަސް މީހުން މަރުވެ ހަތަރު މީހުން ޒަޚަމުވެފައިވެއެވެ. ފުލުހުން ބުނީ އެ ޙަމަލާތަކަކީ ޢާންމުންނަށް ވެކްސިން ދިނުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ޠާލިބާން ޖަމާޢަތުން ދީފައިވާ ޙަމަލާއެއްކަމަށެވެ. ނަމަވެސް އެ ޖަމާޢަތުންވަނީ އެ ތުޙްމަތުތައް ދޮގުކޮށްފައެވެ.

ޞިއްޙީ ޚިދުމަތްތތެރިންނަށް ޢަމާޒުކޮށް ދިން ޙަމަލާތަކުގެ ސަބަބުން ޖަލާލުއާބާދުގައި ވެކްސިން ދިނުންވަނީ މެދުކެނޑިފައެވެ. އޭގެ އިތުރުން ނަންގަހާރު ޕުރޮވިންސުގެ ބައެއް ސަރަޙައްދުތަކުގައިވެސް ވެކްސިން ދިނުންވަނީ ހުއްޓިފައެވެ.

ދުނިޔޭގައި ޕޯލިޔޯ ނައްތާނުލެވި އޮތް ދެ ޤައުމަކީ އަފްޣާނިސްތާނާއި ޕާކިސްތާނެވެ. އަފްޣާނިސްތާނުގެ 9.6 މިލިޔަން ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ދިނުމަށް އދގެ އިދާރާތަކުގެ އެހީތެރިކަމާއެކު އަފްޣާނިސްތާނުގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ފާއިތުވި އަހަރުގެ ތެރޭގައި އެ ޤައުމުގައި 54 މީހުންނަށްވަނީ ޕޯލިޔޯ ޖެހިފައެވެ.

ޢާންމުންގެ މެދުގައި ވެކްސިނާމެދު ބިރުވެރިކަން އުފެއްދުމަށް ޠާލިބާނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ވެކްސިން ބޭނުންކުރަނީ ހުޅަނގުގެ ރޭވުމެއްގެ ދަށުންކަމަށް ދަރިމައިނުވެވޭނެ ގޮތް ހެދުމަށްކަމަށް ބުނެ ދޮގު މަޢުލޫމާތުވަނީ ފަތުރާފައިވެއެވެ. އަދި ވެކްސިން ދިނުމުގެ މަޝްރޫޢުތައް މެދުވެރިކޮށް އަސްކަރީ ޙަރަކާތްތަކަށް ޖާސޫސުކުރާކަމަށް ބުނެ ޢާންމުން މެދުގައި ބިރުވެރިކަންވަނީ އުފައްދައިފައެވެ. ޠާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތަކުގައި ގޭގެއަށް ގޮސްގެން ވެކްސިން ދިނުން އެ ޖަމާޢަތުންވަނީ ހުއްޓުވައިފައެވެ.

އަފްޣާނިސްތާނުގެ އިތުރުން އަވައްޓެރި ޕާކިސްތާނުގައި ވެކްސިން ދިނުމަށް ކުރާ މަސައްކަތްތަކަށްވެސް ޠާލިބާނުން ހުރަސްއަޅައެވެ.