ޚަބަރު

7 މިސްކިތެއްގައި އެކަށީގެންނުވާ އަމަލުތައް ހިންގާކަން ފާހަގަވޭ: އިސްލާމިކް މިނިސްޓަރ

މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ޢަމަލުތައް 7 މިސްކިތެއްގައި ހިންގަމުން އަންނަކަން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މާލެގެ ބައެއް މިސްކިތްތަކުގައި މަސްތުވާތެކެތި ބޭނުންކުރުމާއި ނިދުންފަދަ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ހިނގަމުން އަންނަ މައްސަލަ އާއްމުން ދަނީ ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މިހާރު ފެންމަތިވެފައިވާ މިސްކިތްތަކުގައި ނިދުމާއި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިގޮތުން މިހާރުވެސް އެފަދަ ޢަމަލުތައް ހިންގަމުން އަންނަ ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ އަމަލުތައް ހިންގާ 7 މިސްކިތެއް މިހާތަނަށް ފާހަގަވެފައިވާކަމަށާއި އެ މިސްކިތްތަކުގައި ހަމައެކަނި ތިބެނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އެކަނި ނޫންކަމަށާއި ވަންނާނެ ގެދޮރެއް ނެތް ފަރާތްތައް ތިބޭކަމަށެވެ. މިގޮތުން މިހާރުވެސް އެފަދަ 70 އަށްވުރެ ގިނަ މީހުން ދެނެގަނެވިފައިވާކަމަށާއި އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް ޚާއްސަ އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ދެނެގަނެވިފައިވާ މިސްކިތްތައް އިތުރަށް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި ސިޓީ ކައުންސިލުން ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

"އެ މިސްކިތްތަކުގެ ކައިރި ފުލުހުން ބަލަހައްޓަމުން އަންނާނެ. މިފަދަ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވުމާއެކު މިފަދަ މީހުންގެ މައްސަލަތައް ރައްޔިތުންވެސް ކަމާބެހޭ ފަރާތްތަކަށް ހުށައަޅަންވާނެ. މީގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި ވަންނާނެތަނެއް ނެތިފައި ތިބި މީހުން ހިމެނޭ" އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ހިންގަނީ ހަމައެކަނި މާލޭގައި ހުރި މިސްކިތްތަކުގައި އެކަނި ނޫންކަމަށައި ހުޅުމާލެއިންވެސް އެ މައްސަލަތައް ފާހަގަވަމުން އަންނަކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލާއި ފުލުހުންނާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރަށްވުރެ ބޮޑަށް މިސްކިތްތައް ބެލެހެއްޓުމަށް ވަނީ ނިންމާފައެވެ.

މިސްކިތްތަކަކީ މާތްﷲ އަށް އަޅުކަން ކުރުމަށްޓަކައި ބިނާކޮށްފައިވާ ތަންތަނެވެ. އެހެންކަމުން މިތަންތަނުގެ ހުރމަތް ކެނޑޭ ފަދަ ޢަމަލުތައް ނުހިންގުމަށާއި އެ ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލޫމާތުތައް ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ މަސްތުވާ ތަކެތި ބޭނުންކުރުމާއި ނިދުމާއި މިފަދަ އެނޫންވެސް ޢަމަލުތައް ހިންގައިގެން މިހާތަނަށް 15 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.