ޚަބަރު

ސަރުކާރުގެ ހައުސިންގ ސްކީމްތަކަށް ފައިސާ ދެއްކުން ފަސްކުރަން މަޝްވަރާކުރަނީ


ހައުސިންގ މިނިސްޓްރީއާއި އެޗްޑީއެފްސީ ގުޅިގެން ކުރިއަށްގެންދާ ހައުސިންގ ސްކީމްތަކުގެ ފައިސާ ދައްކާ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާކަމަށް ހައުސިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މިއީ މިދަނޑިވަޅުގައި ރައްޔިތުންނަށް މާލީގޮތުން އިތުރު ލުއިތަކެއް ދިނުމަށް ކުރަމުން އަންނަކަމެއްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން މާލީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އެހީތެރިވުމަށް ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި އެގްރިމަންޓްކުރެވިގެން އެޗްޑީއެފްސީއަށް ކުލި ދައްކަމުން އަންނަ މީހުންނަށް އިތުރު ލުއިތަކެއް ދިނުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ. މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ މިގޮތުން އިތުރު ތިން މަހަށް މިފަރާތްތަކުގެ ކުލި، ދެއްކުން ލަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާކަމަށެވެ.

ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލޭގައި ހައުސިންގ މިނިސްޓްރީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ 704 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ސަރުކާރުގެ ހައުސިން މަޝްރޫޢުތަކުގައި ކޮންޓްރެކްޓްކުރެވިގެން ދިރިއުޅެމުން އަންނަ މީހުންގެ ތެރެއިން އެޗްޑީއެފްސީއަށް ފައިސާ ދައްކަމުންދާ ފަރާތްތަކަށް ލުއިތަކެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ކޯވިޑްގެ މިޙާލަތުގައި މާލީގޮތުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާތީ އިތުރު ލުއިތަކެއް ދިނުމަށް. އެޗްޑީއެފްސީއާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާއިރު ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތައް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށް ގެންދަވާ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އާރަބަން ޑިވެލޮޕްމަންޓް އާއި އެޗްޑީއެފްސީއާއި ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ހައުސިންގ ސްކީމްތަކަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ވަނީ ފަސްކޮށްދީފައެވެ. މިމުއްދަތު ހަމަވުމާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަލުން މި ސްކީމްތަކަށް ފައިސާ ދައްކަވަނީ އަންގާފައެވެ.