ވިޔަފާރި

މިފްކޯއިން މަސްވެރިންނަށް ޑިސްކައުންޓް ކާޑެއް


މަސްވެރިންނަށް އަމާޒުކޮށް މިފްކޯއިން 2 ޑިސްކައުންޓް ކާޑެއް ތައާރަފްކޮށްފިއެވެ. މިކާޑު ތައާރަފްކުރީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފިޝަމެންސް އެންޑް ފާމާރސް އިވްނިންގެ ހަފްލާގައެވެ.  މިފްކޯއިން އަލަށް ތައާރަފްކުރި މި ދެކާޑަކީ "އެންމެ އެކުވެރި މަސްވެރިޔާ"ގެ ކާޑަކާއި "އެކުވެރި މަސްވެރިޔާ" ގެ ކާޑެވެ. މި ދެކާޑު ތައާރަފްކުރުމުގެ ގޮތުން މިދިޔަ އަހަރު އެކުންފުންޏަށް އެންމެ ގިނައިން ކަޅުބިލަ މަސްކިރުވި ގދ. ފަރެސްމާތޮޑާ ފިޝަމަން ދޯންޏަށާއި މިދިޔަ އަހަރު އެކުންފުންޏަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި ރ. އިނގުރައިދޫ ފީރޯޒް 5 ދޯންޏާއި މި ކާޑުތައް ހަވާލުކޮށްފައެވެ. މިކާޑަކީ މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވާ ދޯނިފަހަރާއި އެންމެ ތާޒާކޮށް މަސްކިރާ ދޯނި ފަހަރަށް އެކަން ފާހަގަކޮށް އެކުންފުނީގެ އުފެއްދުންތައް ގަތުމުގައި އަދި އެކި ޚިދުމަތްހޯދުމަށް މަސްވެރިންނަށް ލުއި ފަސޭހަކޮށް ޚިދުމަތް ދިނުމާއި، މިފްކޯއާއި މަސްވެރިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި އިނާޔަތްތަކާއިއެކު ޑިސްކައުންޓް ފޯރުކޮށް ދިނުމަށް ދޫކުރާ ކާޑެއްކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.އެންމެ އެކުވެރި މަސްވެރިޔާ ކާޑް ލިބޭނީ މިފްކޯއަށް އެންމެ ގިނައިން މަސްކިރުވާ އަދި ދާއިމީކޮށް މަސް ކިރުމުގައި ފެންވަރު ރަގަޅު ތާޒާމަސް ކިރަމުންދާ ދޯނިފަހަރަށްކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.  އަދި އެކުވެރި މަސްވެރިޔާ ކާޑް ލިބޭނީ މަހެއްގެ މައްޗަށް 5 ޓަނު މަސް އެކުންފުންޏަށް ކިރުވުމުންނާއި މަހެއްގެ މައްޗަށް ތާޒާކަމާއިއެކު " އޭ " އަދި " ބީ " ގުރޭޑް ކަންނެލި ތިން ޓަނު ކިރުވުމުންނެވެ. މިކާޑު ބޭނުންކޮށް ކުންފުނީގެ ކޮންމެ ފިހާރަ އަކުންވެސް މިފްކޯގެ ޑިސްކައުންޓް ސްކީމުގައި ހިމެނޭ އެކުންފުނީގެ އުފެއްދުން ތަކުން ފަންސާސްހާސް ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މީގެއިތުރުން މިކާޑު ލިބިފައިވާ ދޯނިފަހަރަށް އެދޯނިފަހަރުގެ މެޝިނަރީ މަރާމާތު ކުރުމާއި އައިސް ހޯދުމާއި ބޯފެން ބަރުކުރުން ފަދަ އެކި އިނާޔަތްތައް ހޯދުމުގައި އިސްކަން ދޭނެކަމަށާއި މީގެއިތުރުން ކަނޑުމަތީ ހާލުގައިޖެހޭ ވަގުތުތަކުގައި މިފްކޯގެ އުޅަނދުތަކުގައި އެދޯނި ސަލާމަތްކޮށްދިނުމުގައި ޚާއްސަ އިސްކަމެއް ދެވޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މިދިޔައަހަރު އެކުންފުންޏަށް މަސް ކިރުވައިގެން ތިރީސްއަށް ދޯނިން މިކާޑް ހާސިލް ކޮށްފައިވާކަމަށާއި އެދޯނިތަކަށް މިކާޑް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.