ޚަބަރު

ދެކުނު ޗައިނާ ކަނޑަށް އެމެރިކާގެ އެންމެ ބޮޑެތި މަނަވަރުތައް ވަދެއްޖެ


އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދަށް ވަދެއްޖެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ފައުޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުގައި ޙަރަކާތްތެރިވަމުންދާކަމަށާއި އެ އުޅަނދުތަކުން އެ ސަރަޙައްދުގެ އަމަންއަމާންކަން ކަށަވަރުކުރުމުގެ އިތުރުން ބައެއް އަސްކަރީ ތަމުރީނުތައްވެސް ފުރިހަމަކުރާނެކަމަށެވެ. އެ މަނަވަރުތަކުގެ ތެރޭގައި އެމެރިކާގެ އެންމެ ބޮޑު އެއް އުޅަނދުކަމަށްވާ ޔޫއެސްއެސް ރޮނަލްޑު ރޭގަންވެސް ހިމެނެއެވެ. އޭގެ އިތުރުން އެ މަނަވަރުތަކުގެ ތެރޭގައި އެންމެ ޒަމާނީ އުޅަނދުތައްކަމަށްވާ ޔޫއެސްއެސް ޝިލޯއާއި ޔޫއެސްއެސް ހާލްސޭވެސް ހިމެނެއެވެ.

އެމެރިކާގެ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނީ އެމެރިކާއާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ދާދިފަހުން އިނގިރޭސިވިލާތުގައި ބޭއްވި ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ މައްޗަށް އެކުލެވިގެންވާ ޖީ7ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައާއި ބެލްޖިޔަމުގައި ބޭއްވި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ބައްދަލުވުމުގައި ޗައިނާއާ ދެކޮޅަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދީފައިވެއެވެ. އެ ގޮތުން ޗައިނާގެ މަޤްޞަދުތަކާއި އެ ޤައުމުގެ ޢަމަލުތަކުން ޤާނޫނާއި ޤަވާޢިދުތަކުގެ މައްޗަށް ބިނާކޮށްފައިވާ ބައިނަލްއަޤްވާމީ ތަރުތީބަށް ހުރަސްއެޅޭކަމަށް ނޭޓޯއިންވަނީ ބުނެފައެވެ. އަދި ހުޅަނގުގެ ޤައުމުތަކުން ގުޅިގެން ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ގޮވާލައްވައިފައެވެ.

ޤުދުރަތީ ވަޞީލަތްތައް ގިނަ ދެކުނު ޗައިނާ ކަނޑުގެ 90 އިންސައްތައިގެ މިލްކުވެރިކަމަށް ޗައިނާއިން ދަޢުވާކުރެއެވެ. އެއީ ގާތްގަނޑަކަށް 3.5 މިލިޔަން އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެކެވެ. ޗައިނާއިންވަނީ އެ ސަރަޙައްދުގައި އަމިއްލަ ރަށްތައް ހިއްކައި އެ ރަށްތަކުގައި އިމާރާތްކުރަން ފަށައިފައެވެ. އޭގެ ތެރޭގައި އަސްކަރީ މަރުކަޒުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ބޭނުންކުރުމަށް ރަންވޭތައް ހިމެނެއެވެ. ޗައިނާގެ ޢަމަލުތަކުގެ ސަބަބުން އެމެރިކާއިން އެ ސަރަޙައްދުގައި އަސްކަރީ ގޮތުން ހަރަކާތްތެރިވާ މިންވަރުވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ޗައިނާގެ އިތުރުން ދެކުނު ޗައިނާ ކަނޑުގެ އެކި ސަރަޙައްދުތަކުގެ މިލްކުވެރިކަމަށް ތައިވާނުންނާއި ފިލިޕީންސުންނާއި ވިއެތުނާމުންނާއި ތައިލޭންޑުންނާއި ކެނބޯޑިޔާއިންނާއި މެލޭޝިޔާއިންނާއި އިންޑޮނޭޝިޔާއިންނާއި ބުރާނާއީންނާއި ސިންގަޕޫރުން ދަޢުވާކުރެއެވެ.