ޚަބަރު

އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސަވާފައިވާ މުއްދަތު އިތުރުކޮށްފި

ކޯވިޑް-19އާއި ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސަވާފައިވާ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިއީ މި މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި 5 ވަނަ ފަހަރެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތަކަށް މުޢައްޒަފުން ނެރެގެން މަސައްކަތްކުރުން މަޑުޖައްސާލީ މެއިމަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ކޮންމެ ހަފްތާއަކުން މި މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން ނޫނީ މުވައްޒަފުން ހާޒިރުނުކުރުމަށް އަންގާފައެވެ.

މުވައްޒަމުން ނެރެގެން މަސައްކަތްކުރާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ އަންގާފައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ ބޭނުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.