ޚަބަރު

މިމަހު ފަހުކޮޅު ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރެވޭނެ: އެމްޕީއެލް


ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދިނުމަށް މިމަސް ނިމުމުގެ ކުރިން އެމްޓީސީސީގެ ދަށަށް ބަދަލުކުރާނެކަމަށް އެމްޕީއެލް އިން ވިދާޅުވެއްޖެއެވެ.

މިވަގުތު މާލެއާއި ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދެމުން އަންނަނީ އެމްޕީއެލްއިންނެވެ.

އެމްޕީއެލްއިން ވިދާޅުވީ ބަހުގެ ޚިދުމަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމާ މެދު ދެ ކުންފުނީގެ ދެމެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށާއި، މި މަސް ނިމޭކޮޅު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ދެ މަސްދުވަހުގެ މުއްދަތަކަށް އެމްޓީސީސީއާ ގުޅިގެން ބަހުގެ ހިދުމަތް ދޭނެކަމަށާއި އެ މުއްދަތު ހަމަވުމުން އެމްޓީސީސީގެ ދަށަށް ބަހުގެ ޚިދުމަތްތައް މުޅިން ބަދަލު ކުރެވޭނެކަމަށްވެސް އެމްޕީއެލްއިން ވިދަޅުވެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް މިވަގުތު ދެ ކުންފުންޏަކުން އަންނަނީ ދެމުންނެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ފަރާތުންނެވެ.

އެމް.ޓީ.ސީ.ސީން ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ބަހުގެ ޚިދުމަތްދެމުންދާއިރު، އެމް.ޕީ،އެލްއިން އަންނަނީ ސިނަމާލޭ ބްރިޖު މެދުވެރިކޮށް މާލެ، ހުޅުލެ އަދި ހުޅުމާލެއަށް ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެއް ސަރަހައްދެއްގައި މި މަސައްކަތް ދެ ކުންފުންޏަކުން ކުރުމަކީ ޚަރަދުގެގޮތުން ބަލާނަމަ އެންމެ އެކަށީގެންވާކަމަކަށްނުވާތީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ ބަހުގެ ޚިދުމަތް އެއްކުންފުންޏެއްގެ ދަށަށް ބަދަލުކުރަމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

މާލެ ސަރަޙައްދުގެ ބަހުގެ ޚިދުމަތް އެމްޓީސީސީއަށް ބަދަލުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީއަށެވެ.

އެމްޓީސީސީން މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދެމުން އަންނައިރު ލ. އަތޮޅާއި، ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ބަހުގެ ޚިދުމަތްވެސް އެމް.ޓީ.ސީ.ސީގެ ދަށަށް ގެނައުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އަދި ފުރިހަމަ ބަހުގެ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޑަބަލްޑެކް ބަހާއި ސިންގަލް ޑެކް ބަސް އަންނަނީ ބޭނުންކުރަމުންނެވެ. އަދި ބަހުގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި މާލެއާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަސްސްޓޮޕްތައްވެސް ވަނީ ހަދާފައެވެ.