ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވައިފި


އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ވޭތުވެދިޔަ 3 އިންތީޚާބުގައި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް ދެއްވުނުކަމުގެ ހިތްހަމަޖެހުން އެނާއަށް އެބައޮތްކަމަށެވެ. އަދި ކުރިމަގުގައިވެސް ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަރީފު އައްޔަންކުރެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަޙްމަދު ޝަރީފް އިންތިޚާބު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށްފަހު ވަޑައިގަންނަވަނީ މިސަރުކާރުގެ ކުންފުންޏެއްގެ އިސް މަޤާމަކަށްކަމަށް ޝަރީފްވާނީ އޭރު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފަކީ އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން ކުރީގެ ރައީސް ޔާމީންގެ އަރިސްބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި ގުޅިގެން އެމަނިކުފާނާމެދު އުފެދުނު ނުތަވަސްކަމާއި ޝަރީފަށް ކުރިމަތިވަޑައިގެންނެވި ގޮންޖެހުންތަކުގެ ސަބަބުން ރައީސް ޔާމީނާގެ އަރިހުގައި އެއްވެސް މަސައްކަތެއްކުރެއްމުގެ ވިސްނުންފުޅު ނުގެންގުޅޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.