ވިޔަފާރި

މާސްކެއްގެ އަގު 1 ރުފިޔާއަށް ތިރިކުރުމުގެ މަސައްކަތް ލޮޓަސްއިން ފަށައިފި


ކޯވިޑާއެކު މާސްކަށް އޮތް ޑިމާންޑު ބޮޑުވެފައިވާއިރު، ވިޔަފާރިތަކުން ދަނީ ރާއްޖެއަށް ގިނަ އަދަދެއްގެ މާސްކު އެތެރެކުރަމުންނެވެ. މާސްކު އެތެރެކުރާ މިންވަރު އިތުރުވި ނަމަވެސް މާސްކުގެ އަގުތައް ރާއްޖޭގައި ބޮޑެވެ. މީގެ ސަބަބެއް ކަަމަށް ބެލެވެނީ ޑިމާންޑާއި އެއްވަރަށް މާސްކު ރާއްޖެއަށް އެތެރެ ނުކުރެވުމެވެ.

ރާއްޖޭގައި ޑިސްޕޯސަޕަލް މާސްކެއްގެ ރީޓެއިލް އަގަކީ ގާތްގަނޑަކަށް 3 ރުފިޔާއެވެ. ނަމަވެސް މިއަގަށް ހެޔޮ ބަދަލެއް ގެނައުމަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިއެއްކަމަށްވާ ލޮޓަސް ފިހާރައިން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރިކުރާ ލޮޓަސް ފިހާރައިން ވަނީ ވަަރަށް ފަހުން ރާއްޖެއަށް 6 މިލިއަން މާސްކު ގެނެސް، މާސްކެއްގެ އަގު 1 ރުފިޔާ އަށް ތިރިކުރުމުގެ މަސައްކަތް ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް ވިދާޅުވީ މިހާރު އެކުންފުނިން އޯޑަރ ދީފައިވާ ފަރާތުން 2 މިލިއަން މާސްކް ރާއްޖެއަށް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

" 6 މިލިއަން މާސްކަށް އޯޑަރު މިދިނީ، އޭގެތެރެއިން ފުރަތަމަ 2 މިލިއަން މާސްކް މިމަހުގެ 25 ގައި ކޮންޓެއިނަރއަށް ލޯޑްކުރާނެ، އެހެންވީމަ އެޝިޕްމަންޓް ގެނައީމައި ހޯލްސޭލްކޮށް 40 ރުފިޔާއަށް 50 މާސް ވިއްކާފަ، ވަކިން ރީޓެއިލްކޮށް 1 ރުފިޔާގެ ރޭޓުން މާސްކެއް ވިއްކަން ނިންމާފަ މިވަނީ، ވަކިން މާސްކް ގަންނަން ވަރަށް ނާދެ، ކޮންމެ މީހަކުވެސް ނަގަނީ ފޮށި،" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މީގެކުރިން އެކުންފުނިން ގެނެސްފައިވަނީ ސިވިލް މާސްކު ކަމަށެވެ. އެހެން ނަމަވެސް މިހާރު ގެނައުމަށް މަސައްކަތްކުރަމުންދަނީ މެޑިކަލް މާސްކުކަމަށް އާރިފް ވިދާޅުވިއެވެ.

ލޮޓަސް ފިހާރައިން މިފަހުންވެސް ވަނީ ގިނަ އަދަދަކަށް މާސްކު ގެނެސް ވިއްކާފައެވެ. އެެހެންނަމަވެސް އޭރުގެނައި މާސްކުތައް ކަސްޓަމަރުންގެ ބަދަލުގައި، ރީޓެއިލަރުން ގަނެ ވިޔަފާރި އުސޫލުން ވިއްކީ ކަމަށް ލަފާކުރެވޭ ކަމަށް އާރިފް ވިދާޅުވިއެވެ. އަދި އެ މާސްކުތައްވެސް ރީޓެއިލަރުން ވިއްކާފައިވަނީ މާސްކެއް 3 ރުފިޔާގެ ރޭޓުން ކަމަށް ޤަބޫލްކުރެވޭ ކަމަށް އާރިފް ވިދާޅުވިއެވެ.

ޑިސްޕޯސަޕަލް މާސްކުގެ އިތުރުން ފޮތި މާސްކުވެސް އަގުހެޔޮކޮށް ވިއްކުމަށް ލޮޓަސް ފިހާރައިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ބާޒާރުގައި 10ރ އަށް ނުވަތަ 15ރ އަށް ވިއްކާ ފޮތި މާސްކު 5 ރުފިޔާއަށް ވިއްކުމަށް ލޮޓަސް ފިހާރައިން ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން މިހާރު މި މާސްކުތަކަށްވެސް އޯޑަރު ދީފައިވާކަމަށާއި ރާއްޖެއަށް އެ މާސްކުތައް ލިބުމުން ލޮޓަސް ފިހާރައިން 5 ރުފިޔާއަށް ފޮތި މާސްކު ވިއްކާނެ ކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ އެކުންފުނިން މަސައްކަތްކުރަނީ މާލެއެކޭ އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މާސްކު ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މާސްކުގެ އަގަށް މި ގެންނަ ބަދަލު އަތޮޅުތެރެއިންވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އާރިފް ވިދާޅުވިއެވެ.

ކޯވިޑާއެކު މާސްކުނ މިވަނީ ޒަރޫރީ އެއްޗަކަށްވެފައެވެ. މިއާއެކު ރާއްޖޭގެ ގިނަ ފިހާރަތަކަކުން މާސްކު މިހާރު ލިބެން ހުރެއެވެ. އާއްމު ރައްޔިތުންގެ އާމްދަނީއަށް ގިނަ އަސަރުތަކެއްކޮށްފައިވާ އިރު، މާސްކުގެ އަގަށް މިިފަދަ ހެޔޮ ބަދަލުތަކެއް އައުން ވެގެންދާނީ މާސްކަށް ކުރާ ޙަރަދަށް ބޮޑު ލުޔަކަށެވެ.