ޚަބަރު

18 އަހަރުވުމުގެ ކުރިން ކުރާ ކުށެއް މީޑިއާތަކުުގައި ރިޕޯޓް ނުކުރެވޭނެ


ކުށްކުރާ ކުޑަކުދިންގެ ޒާތީ މަޢުލުމާތު މީޑިއާގެ އެއްވެސް ޕްލެޓްފޯމެއްގައި ރިޕޯޓް ނުކުރެވޭގޮތް ހަދައި އެކަމުގެ އުޞޫލެއް މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލަވާލައިފިއެވެ.

މި އުޞޫލަކީ ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިއު ކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން އެކުލވާލާފައިވާ އުޞޫލެކެވެ. މި އުޞޫލަށް އިއްޔެ ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި އުޞޫލަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައިވާގޮތުން ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހާ މަރުހަލާއެއް ކަޑައްތުކޮށް މުޖުތަމައަށް ހެޔޮގޮތުގައި ކުއްޖާގެ އެނބުރި ރުޖޫއަވުމާއި ހަމައަށް ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ. އަދި ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މައުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް އާއްމުކޮށްގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބުނެއެވެ. މި އުޞޫލްގައި ވާގޮތުން ކުޑަކުއްޖާއަކީ ކާކުކަން ދޭހަވެދާނެ ޒާތީ މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް، އޯޑިއޯ ނުވަތަ ވީޑިއޯ ހާމަކުރުމަކީވެސް މަނާކަމެކެވެ.

އެހެންނަމަވެސް ކުއްޖާގެ މަޞްލަޙަތަށް ޓަކައި ކަނޑައެޅިފައިވާ ހާލަތުތަކެއްގައި އަދި ލިޔުމުން ރެކޯޑު ކުރެވޭ ސަބަބުތަކަށް ޓަކައި، ކޯޓުން ހުއްދަކުރާ މިންވަރެއް، މީޑިއާގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް އާންމުކުރުމަށް މި އުސޫލު ހުރަހެއް ނާޅާނެއެވެ.

މި އުސޫލާ ޚިލާފުވާ ޚަބަރެއް ނުވަތަ މަޢުލޫމާތެއް ނުވަތަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ވެސް އާންމުކޮށްފައިވާކަން ނުވަތަ ހާމަކޮށްފިކަން މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސަމާލުކަމަށް އައުމުން، އެ މައްސަލަ ބަލައި ނިމެންދެން، އެ މަޢުލޫމާތެއް ނެގުމަށް ނުވަތަ ނުފެންނަ ގޮތް ހެދުމަށް އެންގުމުގެ އިޚްތިޔާރު އެމްއެމްސީއަށް ލިބިގެންވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ޙައްޤަށް އުނިކަން އަންނާނެ ފަދައިން އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުވިޔަނުދިނުމަށްވެސް މި އުޞޫލުން ބާރުއަޅައެވެ. އެމްއެމްސީން ބުނީ ކޯވިޑްގެ މިދަނޑިވަޅުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުުރުމަށް "ޗިލްޑްރަންސް އޮމްބަޑްސްޕަރސަން" ގެ އޮފީހުން އެ ކައުންސިލަށް މަތިކޮށްފައިވާކަމެއްކަމަށެވެ.

އޭގެ އިތުރުން އުސޫލާ ހިލާފުވެއްޖެނަމަ, އެމްއެމްސީގެ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް މީޑިއާ ކައުންސިލުން ބުނެއެވެ.