ޚަބަރު

ކުޑަފަރީ ދަރިވަރުން "އުފަލުން ސްކޫލަށް" ދަނީ މިފަހަރު ބައިސްކަލުގައި


ރަށްފުށުގެ ދިރިއުޅުމަކީ ހިތްގައިމު ދިރިއުޅުމެކެވެ. ދުއްވާ އެއްޗެހީގެ އަޑު ނީވުމާއި ސާފުވައިގެ އިތުރުން ހިތްހަމަޖެހިލައިގެން ރަށުގައި އުޅެން ލިބުމުގެ ފުރުޞަތު ލިބެއެވެ. އެހެންނަމަވެސް ޒަމާން ބަދަލުވެ ތަރައްޤީ ވަމުން އަންނައިރު އަތޮޅުތަކުގެ ބައެއް ރަށްތަކުން އިންޖީނުލީ ތިމާވެއްޓާ ރައްޓެހި ނޫން އުޅަނދުތައް ބޭނުންކުރެއެވެ. ކިތައްމެ ކުޑަ ރަށެއްނަމަވެސް ދަތުރުފަތުރުކުރުމަށްޓަކައި އިންޖީނު ލީ އުޅަނދެއް ރަށްރަށުގައި ބޭނުންކުރަމުންއާދެއެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ބައެއް ރަށްތަކަކީ މިފަދަ އުޅަނދުތައް ބޭނުން ނުކުރާ ތިމާވެއްޓަ ރަށްޓެހި އުޅަނދު ބޭނުން ކުރާ ރަށްތަކެކެވެ. މީގެ ތެރެއިން އެއް ރަށަކީ ނ.ކުޑަފަރިއެވެ. އެރަށަކީ އިންޖީން އުޅަނދުތައް މަދު ހަމަ ހިމޭން ރަށެކެވެ. މިކަމަށް އިތުރު ފުރިހަމަކަމެއް އަނެއްކާވެސް ލިބިގެން މިދަނީ އެރަށު ކައުންސިލުން ސްކޫލް ދަރިވަރުންނަށް ތަޢާރަފްކުރާ "ބައިކް ޓު ސްކޫލް" ޕްރޮގްރާމާއެކުގައެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު މާލެއިންވެސް އަދި އަތޮޅުތަކުގައިވެސް ދަރިވަރުން ސްކޫލްއަށް ދިއުމަށް އުޅަނދެއްގެ ގޮތުގައި ބައިސްކަލް ބޭނުން ކުރެއެވެ. އަދި މިއީ ރަށްރަށުގައި އާއްމުވެސް ކަމެކެވެ. ނަމަވެސް ބައިސްކަލުގައި ސްކޫލަށް ދިއުމުގެ މި އާދަކާދައަށް ތަފާތުކަމެއް އަންނަނީ ރަށެއްގެ ކައުންސިލް އިދާރާއިން އިސް ނަގައިގެން ސްކޫލް ދަރިވަރުންނަށް ބައިސްކަލް ފޯރުކޮށްދޭތީއެވެ. މިގޮތުން ނ. ކުޑަފަރި ކައުންސިލުން މިވަނީ މިއަހަރުގެ ދިރާސީ ކިޔެވުމުން ފެށޭއިރު މުޅިން އަލަށް ދެކަމެއް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ. ރަށު ކައުންސިލާއި ސްކޫލް އަދި ބެލެނިވެރިންގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ޕްރްޖެކްޓްއަކީ "އުފަލުން ސްކޫލަށް" އަދި "ބައިކް ޓު ސްކޫލް" ޕްރޮގްރާއެވެ.

މީގެ ތެރެއިން "ބައިކް ޓު ސްކޫލް" ޕްރޮގްރާމްއަކީ އެރަށު ދަރިވަރުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި ތިމާވެއްޓާ ރައްޓެހި ދަރިވަރުން އުފެއްދުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢޫލޫމަތު ދެއްވަމުން ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުޙައްމަދު ވިދާޅުވީ ކައުންސިލުން ގްރޭޑް 4 މަތީގެ ހުރިހާ ދަރިވަރުންނަށް ބައިސްކަލް ފޮރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މި ޕްރޮގްރާމް ފެށުމަށްވެސް 89 ބައިސްކަލް ބޭނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައިސްކަލްތައް ހޯދާނީ ކައުންސިލުންކަމަށާއި އެއަށް ބެލެނިވެރިން ފައިސާ ދައްކާއިރު އިންޓުރަސްޓެއް ނުނަގާނެކަމަށެވެ. އޭނާ ވިދާޅުވީ އެ ބައިސްކަލްތައް މެއިންޓެއިންކޮށް ބަލަހައްޓާނެ ގޮތުގެ ޓްރެއިނިންތައްދީ، އެންމެ ރަނގަޅަށް އެކަން ކުރާ ދަރިވަރެއްގެ އަގު ވަޒަން ކުރާނެކަމަށެވެ.

"މިހާރުވެސް މި ރަށަކީ އިންޖީން ލީ އުޅަނދު ދުއްވުން މަދުރަށެއް. ޕިކަޕެއްވެސް ނުހުންނާނެ. މުދާ އުފުލުމަށްވެސް ބޭނުން ކުރަނީ އަތްގާޑިއާއާއި ބަގީ. ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރގައި ވެސް އިންޖީނުލީ އުޅަނދެއް ނުހުންނާނެ. މިއާއެކު އެކްސިޑނެޓު ފަދަ ހާދިސާތައްވެސް ނުހިނގާ. މަގުތައްވެސް އަމާންވަނެ. ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުޙައްމަދު ވިދާޅުވިއެވެ.

އެ ރަށު ކައުންސިލުން ދެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދަރިވަރުންނަށް ބޫޓާއި ޔުނިފޯމް ފޮރުކޯށްދިނުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމްވެސް މިއަހަރުގެ އޯގަސްޓްމަހު ކިޔެވުން ފަށާއިރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކޯވިޑްގެ ދުވަސްވަރާއި ބެލެނިވެރިން ކޮންމެ އަހަރަކު ދަރިވަރުންނަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އަދި ދަރިވަރުންގެ ޔުނީފޯމާއި ބޫޓު އަދި ފެން ފުޅި ފަދަ ތަކެތި ގަތުމަށް 2،000 ރުފިޔާގެ ލޯނެއް އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތަށް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. ކައުންސިލުން ހާމަކުރައްވާ ގޮތުގައި މި ޕްރޮގްރާމްގައި މަހެއްގެ މައްޗަށް އެއް ކުއްޖަކަށް ދައްކަން ޖެހޭނީ 250 ރުފިޔާއެވެ. ކައުންސިލުން ވިދާޅުވީ މި ދެ ޕްރޮގްރާމްއަކީވެސް ސިލްސިލާކޮށް ކުރިއަށްގެންދެވޭނެ ގޮތަށް ޕްލޭންކޮށްފައިވާ ޕްރޮގްރާމެއްކަމަށެވެ. މިފަދަ ޕްރޮގްރާމެއް ދަރިވަރުންނަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު ސަރުކާރުގެ އެކި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެހީތެރިވެދޭނެކަމަށް ކައުންސިލުން އުއްމީދު ކުރެއެވެ.

ކުޑަފަރި ސްކޫލްއަކީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް ކިޔަވާދޭ ސްކޫލްއެކެވެ. އެ ސްކޫލްގައި މިވަގުތު 165 ދަރިވަރަކު އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. ރަށްރަށުގެ ސްކޫލްތަކުންނާއި ކައުންސިލްގެ އިދާރާތަކުން ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހިޓެރިވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށްގެންދެއެވެ. އެ ޕްރޮގްރާމްތަކުގެ މަޤްޞަދަކަށް ވެފައިވަނީ ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމާއި ހިތްހަމަޖެހިގެން ކިޔެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.