ޚަބަރު

ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯއަކަށް ޑރ ޢަބްދުލްޙަންނާނު

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ބޭފުޅަކު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އަށް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 2968، ޑރ ޢަބްދުލްޙަންނާން ވަޙީދެވެ.

ޑރ ޢަބުދުލްޙަންނާން މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ. އަދި މި ޤާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުފުރުއްވަމުން ގެންދެވީ ޑޮކްޓަރ ޢަބުދުލްޙަންނާނެވެ. މީގެ އިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީ.އީ.އޯގެ މަޤާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ޑރ ޢަބުދުލްޙަންނާން ފުރުއްވާފައިވެއެވެ. ޑރ ޢަބުދުލްޙަންނާން ޕީއެޗްޑީ ޙާޞިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް" އުފައްދަވައި އެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާފައެވެ.

"މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް"

1. ޑރ. ޢަބްދުލްޙަންނާނު ވަޙީދު، ދަފްތަރު. ނަންބަރު ރސ 2968 (ޗީފް އެގްޒެކެޓިވް އޮފިސަރ) (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ)

2. ޚަދީޖާ އާދަމް، ގ.އަލަފަރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން (މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 1 މެންބަރު)

3. ޑރ އަޙްމަދު ޢަލީމަނިކު، މއ.މާނިކަ (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)

4. ޑރ. ޢާއިޝަތު ރީޝާ، މ.ސްނޯޑައުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރާ 2 މެންބަރުންގެ ތެރެއިން މެންބަރެއް)

5. ޑރ. މުޙައްމަދު ޝަރީފް، މ.ޏަމްޏަމްގެ ވައިސް ޗާންސެލަރ / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންގެ ތެރެއިން ޢައްޔަންކުރާ 1 މެންބަރު)

6. އާދަމް ޙަލީމް، ދަފްތަރު. ނަންބަރު ރސ 2064 ޑިރެކްޓަރ އޮފް ޕްރޮގްރާމް / މޯލްޑިވްސް އިންސްޓިޓޫޓް އޮފް ޓެކްނޯލޮޖީ (ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު)

7. މޫސާ މުޙައްމަދުމަނިކު، ސޯސަންގެ/ރ.ފައިނު ޑިރެކްޓަރ / ވިލާ ކޮލެޖް (ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން ޢައްޔަންކުރާ 1 މެންބަރު)