ޚަބަރު

ރާއްޖެ ތަރައްގީކުރަނީ 3 ރީޖަން، 6 ޒޯން އަދި 20 އައިލެންޑް ކްލަސްޓަރއަށް ބަހާލައިގެން


ރާއްޖެ ތަރައްގީކުރުމަށް އެކުލަވާލާފައިވާ "ސްޕޭޝަލް ޕްލޭން"އަށް ބައްލަވައިގެން ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލޯކަލް ކައުންސިލްތަކަށް ޕްލޭނިން މިނިސްޓަރ އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، މުޙައްމަދު އަސްލަމް މިކަމަށް އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުރިއަށްއޮތް 5 އަހަރަށް ކައުންސިލްތަކުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ތަމްރީނު ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިދުމަތްތައް މާލެއަށް ޖަމާވެފައި ހުރުމުން، ރާއްޖޭގެ އާބާދީގެ 40 ޕަސަންޓަށްވުރެ ގިނަ މީހުން އުޅެނީ މާލޭގައިކަމަށެވެ. އަދި އަތޮޅު ތެރެއިން މީހުން މާލެއަށް ޖަމާވަމުންދާ އަދަދަށް ބަލާއިރު 2040 ވަނަ އަހަރާއި ހަމައަށްދާއިރު މާލޭގެ އާބާދީ އަތޮޅު ތެރޭގެ ޖުމްލަ އާބާދީއަށް ވުރެ ބޮޑުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލެ މީހުން ޖަމާވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާކަމަށާއި، މިކަން ހައްލުކުރުމަށް ދުރު ރާސްތާގެ ޕްލޭންތަކެއް ބޭނުންވާކަމަށެވެ.

"މާލެއަކީވެސް ބިން ލިމިޓް ކުރެވިފައި ހުރި ތަނެއް. މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ އަސްލަކީ މާލޭގެ އާބާދީ ގިނަވެ. މިތަނަށް ނުކަތާވަރަށް މީހުން ޖަމާވުން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭ ތަރައްގީކުރުމަށް ސަރުކާރުގެ "ސްޕޭޝަލް ޕްލޭން" އެއް އެބައޮތްކަމަށެވެ. އަދި އެ ޕްލޭންގެ ދަށުން ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައިގެން ތަރައްގީކުރެވިގެންދާނެކަމަށެވެ. އެގޮތުން ރާއްޖެ ތަރައްގީކުރެވިގެންދާނީ ރީޖަންތަކާއި ޒޯންތަކާއި، އައިލެންޑް ކްލަސްޓާރތަކެއް ގައިމްކުރެވިގެންކަމަށް އަސްލަމް ވިދާޅުވިއެވެ

"ޕްލޭންގަައި އޮތީ ރާއްޖެ 3 ރީޖަނަކަށް ބަހާލެވި، އަދި އެ 3 ރީޖަން 6 ޒޯނަކަށް ބެހި، މި 6 ޒޯނުގެ ތެރޭގައި މުޅި ޖުމްލަ ރާއްޖޭގެ 20 އައިލެންޑް ކްލަސްޓަރތަކެއް. މީގެއިން ކޮންމެ ކްލަސްޓަރއަކީ ވަށައިގެން ކައިރީގައި ހުންނަ ރަށްތަކުގެ މައްޗަށް އެކުލެވޭ ގްރޫޕެއްކަމަށް. ސަރުކާރުގެ ވިސްނުމަކީ މިގޮތަށް ރާއްޖެ ތަރުތީބު ކުރެވިގެން، ކޮންމެ ރީޖަނަކަށް ފެންނަންޖެހެ އުމްރާނީ ތަރައްގީއާއިި އިންސާނީ ވަސީލަތްތައް އަދި ހިދުމަތްތައް އެތަނަށް ގެނައުން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިގޮތަށް ރަށްތައް ގުޅާލާއި، ސަރުކާރުން މިހާރު ކުރިއަށްގެންދާ ނޭޝަނަލް މެރިޓައިމް ޓްރާންސްޕޯޓް ނިޒާމުގެ މަސައްކަތް ނިމުމުން ތަރައްގީއަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.

"މިގޮތަށް ރަށްތައް ގުޅުވާލައި، ސަރުކާރުން ފަށާފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމް ނިމުމުން، ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތެެއް ކޮންމެހެން ހުރުން މުހިމެއް ނުވާނެ. ކައިރީ އަށްޓެރި ރަށްތަކަކަށް ވެސް ހިދުމަތްތައް ބަހާލައިގެންވެސްއޭރުން ހިދުމަތްތައް ފޯރުކޮށްދެވޭނެ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ކައުންސިލްތަކުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ތަމްރީނު ޕްރޮގްރާމު ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެލްޖީއޭއިން ކުރިއަށް ގެންދަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. މިގޮތުން މިއަހަރުގެ ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) މޯލްޑިވްސް ގުޅިގެނެވެ.

މިތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބައިވެރިވުމަށް ދައުވަތު ވަނީ ފޮނުވާފައެވެ. އެގޮތުން ކައުންސިލަރުންނާއި، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

4 ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މިތަމްރީނު ޕްރޮގްރާމު ކުރިއަށްގެންދާނީ އެލްޖީއޭއާަައި ކަމާގުޅޭ އެކިއެކި އިދާރާތަކާއި، އެކި ދާއިރާތަކުން ތަޖުރިބާ ލިބިލައްވާފައި ތިއްބެވި ބޭފުޅުންގެ ބައިވެރިވުމާއެކުއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ އިތުރުން ޔޫ.އެން.ޑީ.ޕީގެ ޕްލޭނިންގ ކޮންސަލްޓެންޓަކާއި ކްލައިމެޓް ކޮންސަލްޓެންޓެއްގެ ބައިވެރިވުމާއެކު ޕްލޭން އެކުލަވާލުމުގެ އެކި މަރުހަލާތަކުގައި ކައުންސިލްތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދެވިގެންދާނެކަމަށް އެލްޖީއޭއިން ބުނެއެވެ.