ޚަބަރު

ބެނެޓުގެ ސަރުކާރާ ގުޅިގެން އިސްރާއީލުގެ ސަލާމަތް ކަށަވަރުކުރާނަން: ބައިޑަން


އިސްރާއީލުގެ ސަލާމަތް ކަށަވަރުކުރުމުގައި އެމެރިކާއިން ދެމިއޮންނާނެކަށާއި އެ ޤައުމުގެ އައު ސަރުކާރާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވައިފިއެވެ.

އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ ސަރުކާރަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ރުހުން ދިނުމުން އެ ޤައުމުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ދިގު ވެރިކަންވަނީ ނިމުމަކަށް އައިސްފައެވެ. އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ނެގި ވޯޓުގައި އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރަށް 60 ވޯޓު ލިބުނެވެ. އައު ސަރުކާރާ ދެކޮޅަށް ދީފައިވަނީ 59 ވޯޓެވެ. ވެރިކަމުގެ ފުރަތަމަ 2 އަހަރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވާނީ ނަތަންތާހޫގެ ސަރުކާރާރުގައި ދިފާޢީ ވަޒީރުކަން ކުރިން ކުރައްވާފައިވާ ނަފުތާލީ ބެނެޓެވެ. އޭގެ ފަހުން ދެން އެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ ޔަޝް އަތީދު ޕާޓީގެ ޔައިލް ލަޕީދެވެ.

ޤާނޫނުހަދާ މަޖިލީހުން އައު ސަރުކާރަށް ރުހުން ދިނުމުން އެމެރިކާގެ ރިޔާސީ އިދާރާ ވައިޓު ހައުސުން ބުނީ ބެނެޓާ ފޯނުން ގުޅުއްވައި ބައިޑަން ވާހަކަދައްކަވާފައިވާކަމަށެވެ. އަދި އެމެރިކާއާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުންތައް ވަރުގަދަކޮށް މައްސަލަތަކާއި ފުރުޞަތުތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ބައިޑަން ވިދާޅުވެފައިވެއެވެ. ސަރަޙައްދީ މައްސަލަތަކާއި ޚާއްޞަކޮށް އީރާނުގެ ނިޔުކްލިއަރ މައްސަލައާ ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ބައިޑަންނާއި ބެނެޓު އެއްބަސްވެވަޑައިގެންނެވިކަމަށް ވައިޓު ހައުސުން ބުނެއެވެ.

މިދިޔަ މޭއި މަހުގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ކުރި ހަނގުރާމާގައި ބޮޑު ނާކާމިޔާބީއެއް ލިބުމުން އިތުރު އަސްކަރީ އެހީތެރިކަން ޔަހޫދީ ފައުޖުތަކަށް ފޯރުކޮށްދެއްވާނެކަމަށް ބައިޑަންވަނީ ވަޢުދުވެވަޑައިގެންފައެވެ، އިސްރާއީލުގެ ސަލާމަތް ކަށަވަރުކުރުމަށްކަމަށް ބުނެ އެމެރިކާއިން އަހަރަކު 20 ބިލިޔަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ޔަހޫދީންނަށް ފޯރުކޮށްދެއެވެ.