ކުޅިވަރު

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ޖޯކޮވިޗް ހޯދައިފި


އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ކާމިޔާބުކޮށްފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޖޯކޮވިޗް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލް މެޗްގައި މުބާރާތުގެ ފަސްވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ދެކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖޯކޮވިޗް ކާމިޔާބުކުރީ ފަހަތުން އަރާ 3 ސެޓް 2 ސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ޓައިބްރޭކަކަށް ގޮސްގެން ހައެއް ހަތަކުން ކާމިޔާބުކުރީ ސިޓްސިޕާސްއެވެ. އަދި ދެވަނަ ސެޓް ވަރަށް ފަސޭހަ ކަމާއެކު ދެއެއް ހަޔަކުން ސިޓްސިޕާސް ކާމިޔާބު ކުރުމާއެކު މިމެޗްގައި ބޮޑު ހައިރާންކަމެއް ސިޓްސިޕާސް ގެނުވަފާނެކަމަށް ހީވާން ފެށިއެވެ. ނަމަވެސް މީގެކުރިންވެސް ޖޯކޮވިޗްގެ ފަރާތުން ފެނިގެން ގޮސްފައިވާ ފަހަތުން އަރާ މެޗް ކާމިޔާބު ކުރުމުގެ ހުނަރު މިމެޗްގެ ތިންވަނަ ސެޓުން ފެށިގެން ދައްކާލަން ފެށިއެވެ. މިގޮތުން ތިންވަނަ ސެޓް ހައެއް ތިނަކުން ކާމިޔާބު ކުރުމުގެ އިތުރުން ހަތަރުވަނަ ސެޓް ހައެއް ދެޔަކުން ކާމިޔާބުކޮށް މިމެޗް ފަސްވަނަ ސެޓަކަށް ގެންދިޔައެވެ. ފަސްސެޓްގެ މެޗްތަކުގައި އާދަޔާ ހިލާފް ސްޓެމިނާއެއް އަބަދުވެސް ދައްކަމުންދާ ޖޯކޮވިޗް މިމެޗްގެ ފަސްވަނަ ސެޓްގައިވެސް އެކަން އަނެއްކާވެސް ދައްކާލިއެވެ. މިއީ މިފަހަރުގެ ފްރެންޗް އޯޕަންގައި ފަސް ސެޓަށް ދިޔަ ޖޯކޮވިޗްގެ ތިންވަނަ މެޗެވެ. މިމެޗްގެ ފަސްވަނަ ސެޓް ޖޯކޮވިޗް ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ. ޖޯކޮވިޗް އާއި ސިޓްސިޕާސްވެސް ސެމީފައިނަލްގައި ކުޅުނު ދެމެޗް ވެސް ފަސް ސެޓަށް ގޮސްފައިވުމުން ރޭގެ މެޗް ހަތަރު ގަޑި އިރަށް ދެމިގެންދިއުމާއެކު ސިޓްސިޕާސްގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔައެވެ.

މިފަހަރުގެ ފްރެންޗް މުބާރާތާއެކު ޖޮކޮވިޗް މިވަނީ 19 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި 20 ގްރޭން ސްލޭމް ކާމިޔާބުކޮށްފައިވާ ދެ ކުޅުންތެރިންކަމަށްވާ ރޮޖަރ ފެޑެރަރ އާއި ރަފައެލް ނަޑާލް އާއި އަރާހަމަކުރުމަށް އެންމެ ތަށްޓެއް ކާމިޔާބު ކުރަން ޖެހިފައިވުމުން މިމަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ފެޑެރަރ އާއި ނަޑާލް އާއި އަރާ ހަމަކުރާނެކަމަށްވެސް ގިނަ ބަޔަކު މިހާރު އަންނަނީ ގަބޫލް ކުރަމުންނެވެ. މީގެއިތުރުން ރޭގެ ކާމިޔާބީއާއެކު ޖޮކޮވިޗް ވެފައިވަނީ ފުލީ ޕްރޮފެޝަނަލް ޓެނިސް 1968 ވަނަ އަހަރު ކުޅެން ފެށިފަހުން ގްރޭން ސްލޭމް ހަތަރު މުބާރާތް ދެފަހަރު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

މީގެއިތުރުން ފްރެންޗް އޯޕަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަންވަނީ މިމުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ކާމިޔާބުކުރި ބާބޯރާ ކްރެޗިކޯވާ އާއި ކެޓެރީނާ ސިނިއަކޯވާ ކާމިޔާބުކޮށްފައެވެ. މިމުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން މިދެކުޅުންތެރިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ޕޯލަންޑްގެ އީގާ ސްވިއަޓެކް އާއި އެމެރިކާގެ ބެތެނީ މަޓެކް ސޭންޑްސް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ. ކްރެޗިކޯވާ ވެފައިވަނީ 2000 ވަނަ އަހަރު ފަރަންސޭސިވިލާތުގެ މެރީ ޕިއަރސް ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން އެއް މުބާރާތެއްހޯދިފަހުން މިދެބައި އެއް މުބާރާތެއްގައި ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.