ދުނިޔޭގެ ވިޔަފާރި

15 އިންސައްތައިގެ ޓެކްސް ނެގުމަށް ޖީ7 އިން ނިންމާނެ: ވައިޓް ހައުސް


ވިޔަފާރިތަކުން ޓެކްސްނެގޭ އެންމެ މަދު މިންވަރަކީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ވިޔަފާރިތަކުން ޓެކްސް ނެގޭ އެންމެ މަދު މިންވަރަކީ 15 އިންސައްތަކަމުގައި އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ޖީ ސެވަން ޤައުމުތަކުގެ ބައްދަލުވުންތަކުން ނިންމާނެކަމުގައި ވައިޓް ހައުސްއިން ބުނެފިއެވެ.

ދުވަހެއް ދުވަހަކަށް ދައްވަމުންދާ ކޯޕަރޭޓް ޓެކްސްއަށް ނިމުމެއް ގެނައުމަށްޓަކައި މި ޓެކްސް ނެގޭނެ އެންމެ މަދުމިންވަރަކީ 15 އިންސައްތަކަމުގައި އެމެރިކާގެ ޓްރެޝަރީން މެއި މަހުވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުމަށް ތާޢީދުކުރުމުގެގޮތުން ބޮޑެތި ޤައުމުތަކުންވަނީ ދަށް ރޭޓްގެ ޓެކްސް ދައްކަންޖެހޭ ޤައުމުތަކުގައި މަލްޓިނޭޝަނަލް ކުންފުނިތަކުގެ އޮފީސްތައް ޤާއިމުކޮށް ފައިދާ ހޯދުމަށް ހިތްވަރު ނުދޭންނިންމާފައެވެ.

މިހާރު އޮތް ޓެކްސް ރޭޓްގެ ދަށުން މަލްޓިނޭޝަނަލް ކުންފުނިތަކުން ދަނީ ޓެކްސް ދައްކަންޖެހޭ ރޭޓް ދަށް ސަރަޙަދުތަކުގައި އެމީހުންގެ އޮފީސްތައް ޤާއިމުކޮށް ފައިދާ ހޯދަމުންނެވެ.

މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ޖީ ސެވަން ޤައުމުތަކުގެ ބައްދަލުވުމުގައި ވިޔަފާރިތަކުން ޓެކްސްނެގޭ އެންމެ މަދު މިންވަރުކަމަށްވާ 15 އިންސައްތައަށް ޤައުމުތަކުގެ ސަޕޯޓް ލިބިފައިވާތީ މި ގޮތަށް ނިންމާނެކަމަށް ކުރިންވެސް އުންމީދުކުރެވިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި މި ނިންމުން ނިންމުމުން އަންނަމަހު އިޓަލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ ޓުވެންޓީގެ ބައްދަލުވުމުގައި މިކަމަށް އިތުރަށް މަޝްވަރާތައް ކުރުމަށް ފަސޭހަވެގެންދާނެކަމަށް އެމެރިކާގެ ޓްރެޝަރީން ބުނެއެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އާއި ޖަރުމަނުވިލާތް، އިންޑޮނޭޝިއާ، މެކްސިކޯ، އަދި ސައުތުއެފްރީކާގެ މާލީ ވަޒީރުންވެސް ވަނީ މި ނިންމުމަށް ތާޢީދުކުރައްވާފައެވެ.