ސިޔާސީ

ފަތުރުވެރިކަން ބޮއިކޮޓް ކުރުމާ ދެކޮޅު ބިލް ކޮމިޓީން ފާސްކޮށްފި


ރާއްޖެއާއި ރާއްޖެއިން ބޭރުގައި، ފަތުރުވެރިކަން ބޮއިކޮޓްކުރުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި، އެކަމަށް ހިތްވަރު ދިނުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށައެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކުރައްވައިފިއެވެ.ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށައެޅުއްވި މިބިލުގައި ބުނެފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިފަދަ ކަމަކަށް ގޮވާލައި ހިތްވަރުދިނުމަކީ ކުށެއްކަމަށާއި، އެފަދަ ކުށެއްގެ ސަބަބުން ގެއްލުން ލިބިފައިވާ ކޮންމެ ފަރާތަކުން އެކަމެއް ކުރިފަރާތުގެ މައްޗަށް މަދަނީ ދަޢުވާކުރެވިދާނެކަމަށެވެ.އެގޮތުން ރާއްޖެއަށް ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި، ރާއްޖެއަށް ދަތިކުރުމަށް ގޮވާލައި، އެކަމުގައި ބައިވެރިވި މިންވަރަކަށް ބަލައި އެފަރާތެއް 2 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭބަންދުގައި ބެހެއްޓުމުގެ އަދަބު ކަނޑައެޅުމަށް ބިލުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެފަރާތެއް އެކަމެއްގައި ބައިވެރިވި ނިސްބަތަކަށް ބަލައި 500,000 ރުފިޔާއާއި، 5 މިލިއަން ރުފިޔާއި ދެމެދުގެ ޢަދަދަކަށް ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބިލްގައިވެއެވެ.މިބިލު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ، މި ބިލު ހުށައެޅުއްވީ ދިވެހިންގެ ބަޔަކު ފަހަކަށް އައިސް ރާޖެއިން ބޭރުގައި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލައި، ވާހަކަދެއްކުން އިތުރުވެފައިވާތީ، އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ދާތީކަމަށެވެ.