ސިޔާސީ

ބަޖެޓާއި މެދު މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ފާސްކޮށްފި


އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާއި މެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮތެއް ނިންމަވާގޮތަށް ފާސްކޮށްފިއެވެ.މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރައްވަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވުމާއިމެދު ގޮތެއް ނިންމެވުމަށް ވޯޓަށް އައްސަވާފައެވެ. އެގޮތަށް ފާސްވީ 74 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓު ދިރާސާކުރެއްވި ގޮތުގެ ރިޕޯޓް ހުށައަޅުއްވަމުން ބަޖެޓު ކޮމިޓީގެ މުޤައްރިރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކޮމިޓިން ނުވަ ބައްދަލުވުމެއް ބޭއްވިކަމަށާއި، ކޮމީޓިގެ ބައްދަލްވުންތައް ނަވާރަ ގަޑިއިރަށް ކުރިއަށް ގެންދެއްވިކަމަށެވެ. އަދި ބަޖެޓް ދިރާސާކުރެއްވުމުގައި އެހެން އަހަރުތަކާއި ޚިލާފަށް، ބަޖެޓު ކޮމިޓީއަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން ހާޒިރުކުރައްވާ ޕީއެސްއައިޕީ އާއި، ދައުލަތަށް އާމްދަނީ ހޯދުމަށް އެކަށައަޅުއްވާފައިވާ ގޮތާއި ގުޅޭގޮތުން ގުޅޭގޮތުން މުހުންމު މަޢުލޫމާތުތަކެއް ހޯއްދަވާފައިވާކަމަށެވެ.ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރެއްވުމަށް ކޮންމެ މެމްބަރަކަށް 7 މިނެޓުގެ ވަގުތެއް ރިޔާސަތުން ދަނީ ދެއްވަމުންނެވެ.ދެހާސް ސޯޅަ ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 27.45 ބިލިއަން ރުފިޔާއެެވެ.މި ބަޖެޓުގެ ޖުމުލަ އަދަދަށް ބަދަލެއް ނުގެނެސް އެހެންނަމަވެސް ޝަރުއީ ދާއިރާގެ ބަޖެޓަށް 20 މިލިއަން އިތުރުކުރާ ގޮތަށް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ނިންމާފައެވެ. އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާލީ ވަޒީރު އަބްދުﷲ ޖިހާދު ހުށައަޅުއްވައިދެއްވީ މިމަހުގެ ބާރަ ވަނަ ދުވަހުއެވެ.