ޚަބަރު

ސަޢުދީގެ "ތަވައްކަލްނާ" އެޕް ބޭނުންކުރެވޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ


ސަޢޫދީ ޢަރަބިއްޔާއިން ތައްޔާރުކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ 74 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

"ތަވައްކަލްނާ" އެޕްލިކޭޝަނަކީ ކޯވިޑް-19އާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގައުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ސަޢޫދީ ޢަރަބިއްޔާގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްޙީ ހާލަތު ދެނެގަތުމަށްފަހުއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ ޕަބްލިކް ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެ ކަމަށް އެޤައުމުގެ ކަމާގުޅޭ އިދާރާތަކުންވަނީ އަންގާފައެވެ.

މިއެޕްލިކޭޝަން ބޭނުންކުރެވޭ 74 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާއިރު، ސަޢުދީއަކީ ދިވެހިން ތަޢުލީމު ހާސިލުކުރުމަށާއި އެނޫންވެސް ބޭނުންތަކުގައި ދަތުރުކުރާ ޤައުމެކެވެ. ސަޢޫދީޢަރަބިއްޔާގެ ރައްޔިތުން އެ 74 ގައުމަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީޢަރަބިއްޔާއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.