ޚަބަރު

ކޯވިޑަށް ޕޮޒިޓިވްވުމުން ޕޯޗުގަލްގެ ކަންސޭލޯއަށް ޔޫރޯ ގެއްލިއްޖެ


ޕޯޗުގަލް ޓީމުގެ ފުލްބެކް ޔާއޯ ކަންސޭލޯ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޔާއޯ ކަންސޭލޯ ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު އޭނާވަނީ އައިސޮލޭޝަނަށް ގޮސްފައެވެ. މިއާއެކު ކަންސޭލޯއަށްވަނީ މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ގެއްލިފައެވެ. ޔޫއެފާއިން ދޭތެރެ ދޭތެރެއިން ކޯވިޑް-19އަށް ޓީމްތައް ޓެސްޓް ކުރުމުގެ އިތުރުން މެޗްތަކުގެ ދެ ދުވަސް ކުރިންވެސް ކޯވިޑް-19އަށް ޓެސްޓް ކުރެއެވެ.

މީގެ ދެ ދުވަސްފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްއިން އެޓީމް ކުޅޭ ފުރަތަމަ މެޗްގައި ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. ގުރޫޕް އެފްގައި ހިމެނޭ މިދެ ޓީމްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ބުޑަޕެސްޓްގައެވެ. ޕޯޗުގަލް ޓީމްގެ ކޯވިޑް-19އަށް ކުރި ޓެސްޓުން ކަންސޭލޯ ޕޮޒިޓިވްވެފައިވާއިރު، ޓީމްގެ ބާކީ ތިބި ކުޅުންތެރިންވަނީ ނެގެޓިވްވެފައެވެ.

ކަންސޭލޯގެ ބަދަލުގައި މިހާރު ޕޯޗުގަލް ޓީމަށް ނަގާފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށް އޭސީ މިލާނަށް ދޫކޮށްފައިވާ ޑިއޯގޯ ޑަލޯއެވެ. ޑަލޯ އަންނަނީ މިސީޒަންގައި އޭސީ މިލާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޔޫއެފާގެ ކޯވިޑް-19ގެ ޕްރޮޓޮކޯލް ބުނާ ގޮތުން ޕޮޒިޓިވްވާ ކުޅުންތެރިން 10 ދުވަހުގެ އައިސޮލޭޝަނަށް ދާން ޖެހޭނެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ލައްވާލާފައިވަނީ ގުރޫޕް އޮފް ޑެތްގައެވެ. ގުރޫޕް އެފްގައި ޕޯޗުގަލް، ހަންގޭރީގެ އިތުރުން ހިމެނެނީ ޖަރުމަނާއި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސްއެވެ.