ޚަބަރު

އިންގްލެންޑުން ފުރަތަމަ މެޗްގައި ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑުން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިމެޗް އިންގްލެންޑް ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިރޭ އިންގްލެންޑްގެ ވެންބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާވެސް އުފައްދާފައިވަނީ އިންގްލެންޑުންނެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި އިނގިރޭސި ޓީމްގެ ފިލް ފޯޑެން ފޮނުވާލި ބޯޅަ އަމާޒްވެފައިވަނީ ގޯލްގެ ދަނޑިއަށެވެ. އަދި އިނގިރޭސި ޓީމްގެ ބައެއް ހަމަލާތައް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގެ މެދަކާއި ހިސާބުން ކްރޮއޭޝިއާގެ މޮޅު ކުޅުން ފެނިގެންދިޔައެވެ. އަދި މެދު ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަތަން ފެނިގެންދިޔައެވެ. އެގޮތުން ކްރޮއޭޝިއާގެ ކެންޓަން ލޫކަރ މޮޑްރިޗްގެ ކުޅުން ފާހަގަކޮށްލެވެއެވެ. ލަނޑު ޖެހުމަށް ކްރޮއޭޝިއާގެ ދެ ފޯވާޑުން ކަމަށްވާ ކްރަމަރިޗާއި އަންޓޭ ރެބިޗަށް ލިބުނު ފުރުސަތުގެ ބޭނުން އެކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ކްރޮއޭޝިއާއަށް އިންގްލެންޑްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވިނަމަވެސް، މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ކްރޮއޭޝިއާގެ ކެޕްޓަން ކޮޑްރިޗް ފޮނުވާލި ބާރު ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑްވަނީ ދިފާޢުކޮށްފައެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 57ވަނަ މިނެޓްގައި އިންގްލެންޑަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އިންގްލެންޑްގެ މިލަނޑަށްފަހުވެސް ކްރޮއޭޝިއާއަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ރެބިޗްއަށް މިފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ކްރޮއޭޝިއާއިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުންވަނީ އެއްވަރުވެފައެވެ. އަދި ހަތަރު މެޗުން ވަނީ ބަލިވެފައެވެ.