ޚަބަރު

އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ އޮފީހެކެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ވަނީ މިއަދުން ފެށިގެން އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މައްސަލަތައް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ އޮފީހުން ބުނީ، މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ، މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދަން އެދޭނަމަ، ބަދަލު ހޯދުމަށް އެދޭ ފޯމް ހުށަހަޅަން ޖެހޭނެކަމަށެވެ.

އިންތިޤާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕަރސަން އަލްއުސްތާޒާ ޖިހާދާ އަނީސް ވިދާޅުވީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ އެކި މައްސަލަތަކަށް އިންސާފު ހޯދުމުގައި އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދެއްވާނީ ވާހަކަ ދައްކައިގެން މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރުމަށްކަމަށެވެ. އަދި އިންތިޤާލީ އިންސާފުގެ ޤާނޫނުންވެސް ބާރުއަޅަނީ އެގޮތަށް ކަމަށާއި، ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހާލަތެއްގައި ތަހުގީގްކޮށް ދައުވާކުރަންޖެހޭ ހާލަތަށް ދާންޖެހިއްޖެނަމަ އިންސާފު ހޯދައިދިނުމަށްޓަކައި އެމަސައްކަތްވެސް ކުރާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވީ، ޤާނޫނު ވުޖޫދަށް އައީ ވަކި ވެރިކަމެއްގެ ކަންކަން ބަލާކަށް ނޫންކަމަށާއި، އެ އޮފީހުން ވަރަށް ގިނަ ވެރިކަން ތަކުގައި ހިނގައިދިޔަ ކަންކަން ބެލުމަށް މަތިކޮށްފައިވާއިރު، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކަށް ހަނިވާ ގޮތަށް ހުރި ކަންކަން ބެލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަަށެވެ. އެ އޮފީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށް ދެއްވާފައިވާކަމަށާއި، އަމާޒަކީ ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކަމާއިއެކު ބަލައި، ރާއްޖޭގެ މަސްލަހަތު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުންކަމަށްވެސް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން މައްސަލަ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ އޮފީހުން އިސްނަގައިގެންވެސް މައްސަލަ ބަލާނެކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ކުރާ މަސައްކަތްތަކާއި ތަހުޤީޤުތަކާ ގުޅޭރިޕޯޓް ކޮންމެ ތިން މަހަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަންޖެހެއެވެ. އެރިޕޯޓްތައް ގެޒެޓްގައި ޝާއިއުކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި މިރިޕޯޓައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.