ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިީ ގްރޭޓަރ މާލެ ސަރަޙައްދުގައި: އެފްޕީއޭ


ކާބަފައިންގެ ޒަމާނުއްސުރެ އަދާހަމައަށް ގެވެށިއަނިޔާގެ ޝިކާރަޔަށް ވެފައިވާ އެތައް ބަޔަކު ރާއްޖޭގައި ދިރިއުޅެމުންދެއެވެ. އިހުޒަމާނުގައި ލިބެމުންދާ އަނިޔާތަކުގެ ތަފާސްހިސާބުތައް ބެލޭނެ ގޮތެއް ނެތުމާއެކު، ޞައްޙަ ލިޔެކިޔުމުން ގެވެށިއަނިޔާގެ ތަފާސްހިސާބާއި އެކަމުގެ މައުލޫމާތު އެނގެން އޭރު ނުހުރެއެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު، ގެވެށިއަނިޔާއަށް މީހުން ހޭލުންތެރިވެ އެކަމާ ގުޅުންހުރި މުއައްސަސާތައް އުފެދުމުގެ ނަތީޖާއަކީ، މިކަމާގުޅިގެން އިތުބާރުކުރެވޭ ޞައްޙަ ތަފާސް ހިސާބުތައް އާންމުން ފެންނާނެހެން ލިބެން ހުރުމެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގްރޭޓަރ މާލެ ރީޖަންއިންނެވެ. އެއަށްފަހު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި ގދ އަތޮޅުންވެސް ނިސްބަތުން ގިނަ މައްސަލަތަކެއް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން 108 މައްސަލައެއް މާލޭ ސަރަޙައްދުން ރިފޯޓުކޮށްފައިވާއިރު، އައްޑޫ ސިޓީން 23 މައްސަލައާއި، ފުވައްމުލަށް ސިޓީން 15 މައްސަލަ، ގދ. އަތޮޅުން 13 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެއޮތޯރިޓީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މީގެ އިތުރުން މެދުރާއްޖެ ތެރޭގެ އަތޮޅުތަކުން ރިޕޯޓުކޮށްފައިވާ ގެވެށިއަނިޔާގެ މައްސަލަތަކަށް ބަލާއިރު، އދ. އަތޮޅާ، ފ. އަތޮޅާ، އއ އަދި ވ. އަތޮޅުން އެއް މައްސަލައަށް ވުރެ ގިނަ މައްސަލަތައް ހުށަހަޅާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އދ. އަތޮޅުން 7 މައްސަލަ، ފ. އަތޮޅުން 5 މައްސަލައިގެ އިތުރުން، އއ. އަތޮޅާއި ވ. އަތޮޅުން ދެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

އުތުރުގެ އަތޮޅުތަކުން ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅީ ހދ އާއި ޅ އަތޮޅުންނެވެ. އެގޮތުން އެ ދެ އަތޮޅުންވެސް ގެވެށި އަނިޔާގެ 4 މައްސަލައެއް ރިޕޯޓުކުރި ކަަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ އިތުރުން ނ. އަތޮޅާއި، ރ.އަތޮޅުން ވެސް ތިން މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަތޮޅުތަކުށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ބަހުގެ ހަމަލާދިނުމުގެ މައްސަލައާއި، ނަފްސާނީ ގޮތުން އަނިޔާދިނުމުގެ މައްސަލައާއި، ބިރުދެއްކުމާއި، ޖިސްމާނީ އަނިޔާއާއި، ގޯނާކުރުމުގެ މައްސަލައާއި، މުދަލަށް ގެއްލުންދިނުމުގެ މައްސަލަތައް ހިމެނެއެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ 192 މައްސަލައެވެ. އެއީ ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން ހަމަލާދިނުމުގެ 176 މައްސަލައާއި، ބިރުދެއްކުމުގެ 120 މައްސަލައާއި، ޖިސްމާނީ އަނިޔާކުރުމުގެ 110 މައްސަލައާއި، ގޯނާކުރުމުގެ 96 މައްސަލައިގެ އިތުރުން މުދަލަށް ގެއްލުންންދިނުމުގެ 54 މައްސަލައެއްވެސް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.