ހައްޖަށް ދާން މިއަހަރު ޖާގަ ދިން ފަރާތްތަކަށް، އަންނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުން މިހެން ވިދާޅުވެފައި މިވަނީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ހަމައެކަނި ސަޢުދީ އަރަބިއްޔާގައި ދިރިއުޅުއްވާ ފަރާތްތަކަށް ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ހައްޖުގެ ދަތުރުތައް ކެންސަލްކޮށްފައިވާއިރު ޙައްޖު ކޯޕަރޭޝަނުން ޙައްޖުގެ ޖާގަ ރިޒާވް ކުރައްވާފައިވާ ފަރާތްތަކުގެ ޖާގަ ރިޒާވް ކުރެވިފައިވާ ތަރުތީބުން، އެއް އަހަރު ފަސްކުރެވިފައިވާކަމަށެވެ. އެގޮތުން މިއަހަރު ހައްޖުވުމަށް ކަނޑައެޅި ޖާގަ ދެވިފައިވާ ފަރާތްތަކަށް މި އަންނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު 60000 މީހުންނަށް ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއާއި ޙައްޖާއި ޢުމުރާއާބެހޭ ވުޒާރާއިން ދޭން ނިންމުމާއެކު، މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އެއްވެސް ބައްޔަކަށް ބޭސްނުކުރާ އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. މީގެއިތުރުން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކުރި މީހުންނަށްވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ މި ނިންމުން ނިންމީ ޙައްޖުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށްކަމަށެވެ. އަދި މި އަހަރުގެ ޙައްޖުގެ އަޅުކަންވެސް ކުރިޔަށްދާނީ ކޯވިޑުން ރައްކާތެރިވުމަށް އަޅައި ޚާއްޞަ ފިޔަވަޅުތަކާއެކުކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.
އަހަރަކު 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރުވެސް ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1000 މީހުންނަށެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅީ ވަކި ޕޯޓަލަކަށް ހުށައަޅައިގެން ހޮވުނު މީހުންނެވެ.
މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހުން މައްކާއަށް ދަތުރުކުރުމުގެ 7 ދުވަސް ކުރިން ގޭގައި އެކަހެރިވެފައިވެއެވެ. އަދި މައްކާއަށް ވަނުމަށްފަހު އެމީހުން ވަކި ހޮޓަލެއްގައި ކަރަންޓީނުވެސް ވެފައިވެއެވެ. ހަމައެއާއެކު އަޅުކަމުގެ ކަންކަމަށް އެއްތަނުން އަނެއްތަނަށް ޙައްޖުވެރިން ގެންގޮސްފައިވަނީ ބައި ބަޔަށް ބަހައިގެންނެވެ. އަދި ކޮންމެ 50 ޙައްޖުވެރިއަކަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތެރިއެއް ކަނޑައަޅާފައިވެއެވެ.
މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 5 މީހަކު ވަނީ ބައިވެރިވެފައެވެ. އެއީ ސައުދީގައި ކިޔަވަމުންދިޔަ 5 މީހެކެވެ.
ކޯވިޑާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މައްކާގެ ޙަރަމްފުޅު 7 މަސްދުވަހަށް ބަންދުކުރުމަށްފަހު އާއްމުންނަށް ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ ގައެވެ. އެގޮތުން އުމްރާއަށް މީހުން އެތެރެވުމަށް ހުއްދަދީފައިވަނީ ވެސް މަދު ބަޔަކަށެވެ. އަދި ޙަރަމްފުޅުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް އުޅެވޭނެ އަދަދުތައް ކަނޑައަޅާ ސައުދީ އޮފިޝަލުން ގެންދިޔައީ އެކަން ބަލަމުންނެވެ.